މުއިއްޒު ނޮޅިވަރަމަށް: ބޮޑެތި މަގުތަކުގައި ތާރު އަޅައިދޭނެ ކަމުގެ ޔަގީންކަމާއެކު ގިނަ ވައުދުތަކެއް

ޑރ. މުއިއްޒު ނޮޅިވަރަމް ރައްޔިތުންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

ހދ. ނޮޅިވަރަމްގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިދެއްވުމުގެ ވައުދާއެކު ގިނަ ވައުދުތަކެއް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ޑރ. މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުތައް މިއަދު ހދ. ހަނިމާދޫއިން ފައްޓަވައި، ދެވަނަ ރަށަކަށް ވަޑައިގެންނެވީ ނޮޅިވަރަމަށެވެ.

މުއިއްޒު ވިދާޅުވީ މި ރަށުގެ މަގުތައް އޮތް ހާލު ވަރަށް ރަނގަޅަށް ފެންނަން އޮތް ކަމަށެވެ. ނަމަވެސް، މިއަށްވުރެ މާ އާބާދީ ކުޑަ ރަށްރަށުގައި ތާރުއަޅާ މަންޒަރު ވެސް ފެންނަކަމަށް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލައިފައި އެއަށްވުރެ ކުދި ރަށްތަކުގައި އެކަން ވުމުން ތަރުތީބުގައި އޮޅުމެއް އެބައަރާ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ނޮޅިވަރަމްގެ ބޮޑެތި ހުރިހާ މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާނެކަމަށެވެ.

މީގެ އިތުރުން، މި ރަށުގައި ބަނދަރުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކޮށްފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އާބާދީ ބޮޑުވެ ރައްޔިތުންނަށް އަންނަ ކުރިއެރުމާއި ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު ބަނދަރު ބޮޑުކުރަންޖެހި، ބަދަލުތައް ގެންނަން ޖެހޭކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ޑރ. މުއިއްޒާ ބައްދަލުކުރުމަށް ނޮޅިވަރަމް ރައްޔިތުން އެއްވެފައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

މި ރަށުގެ ބަނދަރު ބޮޑުކުރުމާއި ވަންނަން އޮންނަ ނެރަށް ގެންނަން ޖެހޭ ބަދަލުތަކަކީ މި ރަށުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ ކަމެއްކަން ގަބޫލުކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބަނދަރުގެ ސައިޒު ބޮޑުކޮށް ނެރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ބަނދަރުގެ ފަސޭހަކަން ހޯދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މި ރަށުގައި ތިންވަނަ ޑިވިޝަނުން ފަށައިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ކުޅޭ ކުޅުންތެރިން ތިބިކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"ފުޓުބޯޅަ ދަނޑެއް މި ރަށުގައި ނެތި އެހެން ރަށެއްގައި އޮވެގެން ވާނެކަމަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑަށް. ފުޓްސަލް ދަނޑުގައި ޓާފް ނެއްޓި ވީރާނާވެފައި އޮންނަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ،" މުއިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަމްގައި ފުޓުބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި އެހެން ކުޅިވަރުތަކަށް ވެސް ވަސީލަތްތައް ގާއިމުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ތައުލީމަކީ ކޮންމެހެން ވެސް އިސްކަން ދޭން ޖެހޭ ކަމެއް ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ކުޑަކުދިން ތަރުބިއްޔަތުކުރުމަށް ކަމަށެެވެ.

މުއިއްޒު ވިދާޅުވީ 600އަށްވުރެ ގިނަ ކުދިން މި ރަށު ސްކޫލްގައި ކިޔަވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ ދެ ދަންފަޅިއަށް ކިޔަވަން ޖެހުން ކަމަށެވެ. އަދި މި ރަށުގެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބް ވެސް ގާއިމުވެފައިވާ ސްކޫލެއް މި ރަށުގައި ގާއިމުކޮށްދިނުމަށް އޭނާގެ ސަރުކާރެއްގައި އިސްކަންދެއްވާނެ ކަމަށެވެ.

"ކުދިކުދި ކަންކަން ވެސް މި ތަނުގައި ކޮށްދެވިފައި ނެތީ. އޭޓީއެމްއެއް ވެސް ނެތް. މި ރަށަށް ވުރެ ތިންބައިކުޅަ އެއްބައި އާބާދީ ހުރި ރަށްރަށުގައި ވެސް އޭޓީއެމް އެބަހުރި. އެހެންވީމަ، އެއީ ދެން ޔަގީންކަމެއް ކަމުގައި ބައްލަވާ،" މުއިއްޒު ވިދާޅުވިއެވެ.

ސިއްހީ ނިޒާމަށް އަލިއަޅުއްވައިލައި މުއިއްޒު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ރަނގަޅު ފެންވަރު ހޮސްޕިޓަލެއް އެޅި ނަމަވެސް، ނޮޅިވަރަމްގައި ރަނގަޅު ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށެވެ. މި ރަށަށް އެކަށީގެންވާވަރުގެ ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ކުރާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކިބައިން ދަސްވެފައި ހުރީ ކަމެއް ކުރާން ވިދާޅުވެއްޖެނަމަ އެ ކަމެއް ކޮށްދެއްވާނެކަން ކަމަށް ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެެ.

"މި ދެއްކި އެއްވެސް ވާހަކައަކީ ހަމައެކަނި ވޯޓެއް ހޯދަން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑުގެ ކިބައިން އެއްވެސް މީހަކަށް ނުފެންނާނެ ބުނާ ބަހާ އަމަލާ ދިމާނުވެ އޮތްތަނެއް،"

"ދެން އޮތީ ގޮތް ނިންމުން. ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރެއްވުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒަށް ވޯޓުދީ އޭނާގެ ސަރުކާރެއް ގެނެސްފިނަމަ، މިއަދު ވިދާޅުވި ކަންތައްތަކާއި އޭގެ އިތުރަށް ވެސް ކަންތައްތައް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް