ސިޔާމްގެ ވިސްނުންފުޅަކީ ތަރައްގީއާއި ކުރިއެރުން، ރައީސާއެކު މަސައްކަތް ކުރަނީ އެހެންވެ: މައުރޫފް

މައުރޫފް ގއ. ވިލިނގިލީގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގައި ވަހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެމްޑީއޭއާއި ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދުގެ ވިސްނުންފުޅަކީ ރާއްޖެ ކުރިއަރުވައި ތަރައްގީ ކުރުން ކަމަށާއި އެ ފިކުރާ އެއްގޮތް ބައެއްގެ ގޮތުގައި އެމްޑީޕީ މިއަދު އޮތުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކު ކޯލިޝަންގައި މަސައްކަތްކުރާ ސަބަބުކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ރޭ ގއ. ވިލިނގިލީގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގައި ވަހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ގައުމަކަށްވާއިރު އެމްޑީއޭއިން ބޭނުން ވަނީ ރާއްޖެއަށް ހަމަހިމޭންކަމާއި އަމާންކަން ކަމަށެވެ.

"އެއީ ދިވެހިރާއްޖޭގެ ޓޫރިޒަމް ބިނާވެފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގެ ގޮތުގައި. ދިވެހިރާއްޖޭގެ ޓޫރިޒަމާ ނުލައި، ދިވެހިރާއްޖޭގެ މުސްތަގްބަލެއް ނޯންނާނެ. ޓޫރިޒަމެއް ނޯންނާނެ އަމާންކަމާ ނުލައެއް،" މައުރޫފް ވިދާޅުވިއެވެ.

އެއީ ރައީސް ޞާލިހުގެ ވިސްނުންފުޅު އަމާން ރާއްޖެއަކަށް ގެންގުޅުއްވާ ސަބަބު ކަމަށާއި އަދި އިގްތިޞާދު ދެގުނަވާނެ މަގުކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމަށް ބަހުގެ ހަމަލަތައް ރައްދުކުރައްވަމުން މައުރޫފް ވިދާޅުވީ މިއަދު ޕީޕީއެމް އޮތީ 'ޕެރެލައިޒް'ވެފައި ކަމަށެވެ. އެ ޕާޓީގެ ތެރޭގައި އެތައް ސިޔާސީ ލީޑަރުންތަކެއް ތިބެމެ އެ މީހުންގެ އުންމީދުތަކުގައި ވެސް ކުލަ ނުޖެހި ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑު އެ ކަމާ ވަރަށް ބޮޑަށް ހިތާމަކުރަން. އާދެ އަޅުގަނޑު އެ ދުވަހު އެހެން ބުނީ ރައީސް ޔާމީންގެ ވިސްނުންފުޅު ވަރަށް ރަނގަޅަށް އެނގޭތީ. އަޅުގަނޑަށް އެނގޭ އެހެން ސިޔާސީ ލީޑަރަކު އުފަންވާން އެ މަނިކުފާނު ފުރުސަތު ނުދޭނެކަން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ގާބިލް ބޭފުޅެއް ކަމަށެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީއަކީ ވެސް ރައީސް ޔާމީންގެ ފިކުރު ކަމަށާއި އެއީ އަދިވެސް އެމްޑީއޭއިން އިދިކޮޅާއެކު މަސައްކަތް ނުކުރަން ނިންމި ސަބަބުކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އެ ބޭފުޅުން ދޫކޮށްލައި މި އިންނެވި އިބްރާހިމް މުޙައްމަދު ޞާލިހާއެކު މިއަދު މި ތިބީ،" މައުރޫފް ވިދާޅުވިއެވެ.

ވެރިކަަމަށް ކުރިމަތިލާން ވާނީ ސިޔާސީ ބާރުވެރިކަން ހޯދައި ފިކުރެއް އުފެއްދުމަށްފަހު ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ޕާޓީއަކީ އެމްޑީޕީ ކަމަަށެވެ.

"އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން އެއްގޮތަކަށް ވެސް އެމްޑީޕީ ދޫކުރައްވައިި ނުދައްޗޭ. އަޅުގަނޑު ވެސް ދެން އިރާދަފުޅުކުރެއްވިއްޔާ އެމްޑީޕީ ދޫކޮށެއް ނުދާނަން،" މައުރޫފް ވިދާޅުވިއެވެ.

ރޭ ވިލިނގިލީގައި އޮތް ޖަލްސާގައި އެމްޑީޕީއަށް ތާއީދުކުރާ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. ޖަލްސާގައި ކޯލިޝަންގެ ލީޑަރުން ވާހަކަފުޅު ދައްކަަވައިފައިވެސް ވެއެވެ.

ވިލިގިއްޔަކީ ގއ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ވަޑައިގެންނެވި ފަހު ރަށެވެ.

comment ކޮމެންޓް