ޕްލާސްޓިކް ކޮންޓެއިނަރާއި ޓަޕަވެއާ އަކީ ކޮންމެ ގެއެއްގެ ބަދިގެތެރޭގައި ވެސް ގިނަ ވެފައި ހުންނަ އެއްޗެކެވެ. މިއީ ދުވަސް ވިޔަސް އެއްލައި ނުލެވޭ އެއްޗެއްސެވެ. އެއީ ކާއެއްޗެހި ރައްކާ ކުރުމަށްޓަކައި އެންމެ ފުރަތަމަ ހޯދާ އެއްޗަކީ މިއަށް ވާތީއެވެ. ނަމަވެސް މި ޕްލާސްޓިކް ކޮންޓެއިނަރުތަކުގައި ކާއެއްޗެހި ރައްކާ ކުރުމަކީ ރައްކާތެރި ކަމެއް ހެއްޔެވެ؟
ގޭގެ ބަދިގޭގައި ހުންނަ ޕްލާސްޓިކް ތަށިތަކާއި ކޮންޓެއިނަރު ތަކަކީ ކިތައްމެ ދުވަހެއް ވިޔަސް ގިނަ ފަހަރަށް އެއްލާލެވޭނެ އެއްޗެއް ނޫނެވެ. ގޭގައި މަންމަ އުޅޭ ނަމަ އަމުދުން މިއީ ކުރެވޭނެ ކަމެއް ނޫނެވެ. މި ހުރިހާ ކޮންޓެއިނަރަކީ ކޮންމެވެސް ކަމަކަށް ބޭނުންވާނެ އެއްޗެކެވެ.
ނަމަވެސް ސިއްހީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި ޕްލާސްޓިކް ކޮންޓެއިނަރު ތަކަކީ ކާއެއްޗެހި ރައްކާކޮށްފައި ބެހެއްޓުމަށް އެންމެ ރަނގަޅު އެއްޗެއްސެއް ނޫނެވެ.
ލަކްނައުގެ ރީޖެންސީ ސުޕަސްޕެޝަލިސްޓް ހޮސްޕިޓަލްގެ ގެސްޓްރޯންޓޯލޮޖިސްޓެއް ކަމަށްވާ ޑރ. ޕްރަވީން ޖާ ބުނާގޮތުގައި ޕްލާސްޓިކް ކޮންޓެއިނަރުގެ ރައްކާތެރިކަން އެނގޭނީ އެ ބޭނުން ކުރާ ގޮތް އެނގިގެންނެވެ.
"ބައެއް ކަހަލަ ޕްލާސްޓިކް ކޮންޓެއިނަރުތަކަކީ ކާއެއްޗެހި އޭގައި ޖެހުމުން ބައެއް ކަހަލަ ކެމިކަލް ރިލީޒްވާ އެއްޗެހި. އަދި ހާއްސަކޮށް ހޫނުކޮށްފައި ހުންނަ އެއްޗެހި އެޅުމުން މި ކޮންޓެއިނަރުތަކުން މިފަދަ މައްސަލަ ބޮޑު ވެދާނެ،" ޑރ. ޖާ ބުންޏެވެ.
ޖާ ބުނިގޮތުގައި އާންމުކޮށް ގޭގޭގައި ގެންގުޅޭ ކޮންޓެއިނަރުތަކާއި ތަށިތަކަކީ ޕީއީޓީއީ އެއްޗެއްސެވެ. ޕީއީޓީއީ އަކީ ޕޮލިތިލީން ޓެރެފްތަލޭޓް އެއްޗެއްސެވެ. މިއީ އާންމު ގޮތެއްގައި އެއް ބުރު ބޭނުން ކޮށްލުމަށް ރައްކާތެރި އެއްޗެއްސެވެ. މައިކްރޮވޭވް ކޮށްގެން ބޭނުން ކުރެވުނު ނަމަވެސް ތަށީގައި ހުރި އެއްޗެއްސާއެކު ހޫނު ކޮށްގެން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޖާ ފާހަގަކުރެއެވެ.
ޖާ ބުނާގޮތުގައި ގޭގައި ބޭނުންކުރާ އެހެން ޕްލާސްޓިކް ތަށިތަކަކީ ވެސް ކޫރުމެއް ނުވަތަ ގެއްލުމެއް ލިބިފައި ހުރި އެއްޗެއް ނަމަ ބޭނުން ކުރަން ރަނގަޅު އެއްޗެއްސެއް ނޫނެވެ.
ކާއެއްޗެހި ރައްކާކުރުމަށް ޕްލާސްޓިކް ތަށި ހޯދާ ނަމަ "ފުޑް ސޭފް" ޖަހާފައި ހުންނަ ޕްލާސްޓިކް ތަށި ބޭނުން ކުރަން އޭނާ ހަނދާން ކޮށްދެއެވެ. ނަމަވެސް ޕްލާސްޓިކާ ނުލައި ބޭނުން ކުރެވޭނެ ގިނަ މެޓީރިއަލްތަކެއް ވެސް އޭނާ ފާހަގަކުރިއެވެ. އޭގެތެރޭގައި ސްޓެއިންލެސް ސްޓީލް އާއި ބިއްލޫރި އަދި ސިލިކޯންގެ އިތުރުން އޮނު ދަނޑި މެޓީރިއަލް އެއްޗެހި ބޭނުން ކުރުން ރައްކާތެރި ކަމަށް އޭނާ ފާހަގަކުރެއެވެ.