ދެވަނަ ދައުރުގައި ކޮލަމާފުށީ ބިން ހިއްކައި ރޯހައުސް އަޅަނީ

ރައީސް ގއ. ކޮލަމާފުށީގައި -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރެއްގައި ގއ. ކޮލަމާފުށީ ބިން ހިއްކައި، އެ ބިމުގައި ފްލެޓު ނުވަތަ ރޯހައުސް އަޅައިދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގައި ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ކޮލަމާފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދަޅުވީ 2018ވަނަ އަހަރު ވެސް ރައްޔިތުންގެ ކުރިމައްޗަށް އަރައިވަޑައިގަތީ މެނިފެސްޓޯއަކާއެކު ކަމަށެވެ.

ރައީސް ގއ. ކޮލަމާފުށީގައި އޮތް ޖަލްސާގައި ވަހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެ މެނިފެސްޓޯގެ ތެރެއިން ކޮލަމާފުށީ ރައްޔިތުން އެއިރު އެދުނު ކަންކަން މިއަދު ކުރެވެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބަނދަރު ބޮޑުކުރުމާއި ރަށުގެ މަގުތައް ހެދުން ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެން އަންނަ ދައުރެއްގައި ކޮލަމާފުށީގައި:

  • ބިން ހިއްކައި އެ ބިމުގައި ފްލެޓު ނުވަތަ ރޯހައުސް އަޅައިދޭނެކަމަށް
  • ހުޅަނގު ފަރާތު އުދައަރާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން
  • އައިސް ޕްލާންޓް ކެޕޭސިޓީ އިތުރުކޮށް، ކޯލްޑް ސްޓޯރޭޖް ގާއިމްކުރުން
  • ހެލްތު ސެންޓަރު މިނީ ހޮސްޕިޓަލަކަށް އަޕްގްރޭޑްކުރުން

އެ މަނިކުފާނު ވިދާޅުވީ ކޮލަމާފުއްޓަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގައި މުހިންމު ރަށެއް ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ ކޮލަމާފުށީ ރައްޔިތުންގެ ކިބައިން ތިޔަ ބޭފުޅުން ތި އެދޭ އަމާން ރާއްޖެ ހޯދުމަށް ޓަކައި ނުވައެއް ސެޕްޓެމްބަރުގައި ނިކުމެ އަޅުގަނޑުމެންނަށް ވޯޓު ދޭށޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ރިޔާސީ އިންތިޚާބެއްގެ ވޯޓަކާ ކައިރިވަމުން އަންނައިރު ރައްޔިތުން ނިންމަންވީ ކުރިން އޮތް ސިޔާސީ ހަލަބޮލިކަމާއި، ހަމަނުޖެހުމުގެ ތެރެއަށް ދާނީތޯ ނުވަތަ ތަރައްގީއާއެކު ކުރިއަށްދާނީތޯ ކަމަށެވެ.

ކޮލަމާފުށީ ރައްޔިތުންގެ ނިންމުން ސާފު ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮލަމާފުށީގައި މިއަދު އޮތް ޖަލްސާގެ ތެރެއިން ރައީސްވަނީ، ރަށުގައި އިސްކޮށް ހަރަކާތްތެރިވި ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް، އެ ޕާޓީން ވަކިވެ، އެމްޑީޕީއާ އަލަށް ގުޅުމާއެކު އެ މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގެންފައެވެ.

comment ކޮމެންޓް