ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ކްލަބު ވެލެންސިއާގެ އީޔަން އިބްރާހިމް ޒަކީ މުގުރާލައިފިއެވެ.
އީތަން މުގުރާލާފައިވަނީ މީގެ ހަތަރު ދުވަސް ކުރިން ވެލެންސިއާގެ ޔޫސުފް އަޔާން އާމިރު ހެދި ރެކޯޑެވެ. އީތަން ރެކޯޑު މުގުރާލާފައިވަނީ އުމުރުން 14 އަހަރުގައި ގޯލު ޖަހައިގެންނެވެ. ކުރިން އެ ރެކޯޑު އޮތް އަޔާން ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 15 އަހަރެވެ.
ވެލެންސިއާ އިން ރެކޯޑެއް ފެނުނު ނަމަވެސް، ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ލީގުގެ ދެވަނަ ބުރުގެ ފުރަތަަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު އެ މެޗުން ވެލެންސިއާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ވެލެންސިއާ ކުޅުނު ހަތް މެޗަކުން ބަލިވެފައިވާ އިރު, ތާވަލުގެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.
އިއްޔެ ކުޅުނު މެޗުގެ ކުރީކޮޅުގައި އީތަން ވަނީ ގޯލު ޖަހައި، ވެލެންސިއާއަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓުގައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ޝަނާން ރަޝާދު ވަނީ ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ޒުވާން ސްކޮޑަކާއެކު ކުޅެމުންދިޔަ ވެެލެންސިއާ ކޮޅަށް ޔޫވީން ޖެހި ދެވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޔޫވީއަށް އެ ގޯލު ކާމިޔާބުކޮށްދީ، ލީޑު ހޯދައިދިނީ އަހުމަދު ބައްސާމް (ބައްކު) އެވެ.
ލީގުގައި މިއަދު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ބުރު ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 9:00 ގަައި ކުޅޭ މެޗަކީ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް ކްލަބާއި ދެވަނައިގައި އޮތް ކްލަބު އީގަލްސްގެ ކުރިމަތިލުމެވެ.