''ހުދާ ހީފަމް'' ފަދަ ފޮރެކްސް ޓްރޭޑަރުންނާމެދު ސަމާލުވާން ފުލުހުން އެދިއްޖެ

ފުލުހުން ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކެއް --

ފޮރެކްސް ޓްރޭޑަރުންގެ ނަމުގައި ފޭކް ޕްރޮފައިލްތައް ހަދައިގެން ސޯޝަލްމީޑިއާގައި އުޅޭ މީހުންނާމެދު ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ "ހުދާ ހީފަމް" ފަދަ ނަންނަމުގައި ފޮރެކްސް އެކްސްޕާޓުންކަމަށް ބުނެ މީހުންނަށް އޮޅުވައިލަމުންދާ ކަމަށެވެ. އަދި އެ ފަދަ މީހުންގެ އުކުޅުތަކާމެދު ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން "ހުދާ ހީފަމް"ގެ ނަން ފާހަގަކޮށްފައިވާއިރު، އެ ނަމުގައި އެތައް ފޭކް ޕްރޮފައިލެއް ފޭސްބުކާއި އިންސްޓަގްރާމްގައި ހަދައިފައިވެއެވެ.

https://twitter.com/PoliceMv/status/1689179167001296896?s=20

ފުލުހުން ބުނީ އެ ފަދަ ގިނަ އައިޑީތަކެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިފަދަ އެކައުންޓުތައް ހިންގަނީ އަސްލު މީހުންގެ ފޮޓޯ ބޭނުންކޮށްގެން ކަމަށެވެ. އެ މީހުންނަށް އިންވެސްޓްކުރުމުން ފައިދާވާނެ ކަމަށް ބުނެ އެ މަޅީގައި ޖައްސަން މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެއެވެ.

މި ސްކޭމަރުން އެ މީހުންނަކީ ފޮރެކްސް ދާއިރާގައި ތަޖުރިބާކާރުން ކަމަށް ބުނެއެވެ. އެ މީހުން އެ ދާއިރާގައި ހޯދައިފައިވާ ކާމިޔާބީތައްކަމަށް ބުނެ ދޮގު ވާހަކަތައް ދައްކައެވެ. އަދި އެ މީހުންނަކީ ފޭކު ބައެއް ނޫންކަން ދެއްކުމަށް އެކި ފޮޓޯތައް ފޮނުވާ ހަދައެވެ.

އެ މީހުންނަށް އިތުބާރުކުރާކަން ޔަގީންވުމުން، ފައިސާ ޓްރާންސްފާކުރުމަށް އެދެއެވެ. އެޔާއެކު، އެއްވެސް ފައިދާއެއް ނުވެ އެ މީހަކަށް ވާނީ ބޮޑެތި ގެއްލުމެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ވެސް ބަލަމުންދާކަމަށާއި އެ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވާން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި ސްކޭމްގެ މަޅީގައި ޖެހިފައި ހުރި މީހަކު އެނގޭ ނަމަ ވެސް ފުލުހުންނަށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް