ދެވަނަ ދައުރުގައި ވާދޫގައި 100 އެނދުގެ ހޮޓަލެއް އަޅައިދޭން ރައީސް ވައުދުވެއްޖެ

ރައީސްް ގދ. ވާދޫއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީ ކޯލިޝަންގައި ދެވަަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގދ. ވާދޫއަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ދިގު ލިސްޓުގެ ތެރެއިން މި ރަށުގައި 100 އެނދުގެ ހޮޓަލެއް ތަރައްގީކޮށްދެއްވުމަށް ވައުދުވެވަޑައިގެންފިއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ރައީސްކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު ވޯޓު ލުމުގެ ކުރިން ވިސްނަންވީ ކަންކަން ގިނަ ކަމަށެވެ. އޭގެ ތެރެއިން ވައުދުވެ ވައުދު ފުއްދީ ކޮން ސަރުކާރަކުންތޯ ވިސްނުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ނުވައެއް ސެޕްޓެމްބަރަކީ ތިޔަބޭފުޅުން އެކަމާ މެދު ގޮތެއް ނިންމަން އޮތް ދުވަސް. ރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު އޮތް ގޮތް އަޅުގަނޑުމެންނަށް އެނގޭ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ ދެވަނަ ދައުރުގައި މި ރަށަށް ކޮށްދެއްވާނެ ކަންތައްތައް ހާމަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި:

  • ރަށުގައި އައު ކައުންސިލް އިދާރާއެއް ދެއްވާނެކަމަށް
  • ސްކޫލް އެޑްމިން އިމާރާތް އަޅައިދެއްވާނެކަމަށް
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދެއްވާނެކަމަށް
  • ރަށުގެ ބޮޑެތި މަގުތައް ތަރައްގީކޮށްދެއްވާނެކަމަށް
  • ސިއްހީ މަރުކަޒަށް ބޭނުންވާ އެޑްމިން ބްލޮކްތައް
  • ފަތާ ފެންގަނޑެއް ތަރައްގީކޮށްދެއްވާނެކަމަށް
  • ސަރަހައްދީ ފެންވަރުގެ ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް
  • ރޯހައުސްއާއި ފްލެޓް އަޅައިދެއްވާނެކަމަށް

"އިރާދަކުރެއްވިއްޔާ މި ރަށަށް ވެސް ބޮޑު ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާދޫގެ އިތުރުން މުޅި ރާއްޖެއަށް އަންނަ ހެޔޮ ބަދަލާއެކު ތަރައްގީގެ ގޮތުން ކުރިއަރާނެ ކަމަށެވެ.

comment ކޮމެންޓް