ދެވަނަ ދައުރަކަށް ހުވާކޮށް، ތާރީޚު ބަދަލުކުރައްވާނީ ރައީސް: ރަފިއްޔާ

އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ގައްދޫގައި އޮތް ޖަލްސާގައި ވަހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރަކަށް ހުވާ ކުރައްވައި ތާރީޚު ބަދަލުކޮށްލާނެ ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަމާމެދު ޝައްކުނުކުރައްވާ ކަމަށް އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ރޭ ގައްދޫގައި އޮތް ޖަލްސާގައި ރަފިއްޔާ ވިދާޅުވީ ރައީސް ޞާލިޙަކީ ކުރިން އުފެއްދެވި ކޯލިޝަނާއެކު ދެވަނަ ދައުރަކަށް ނިކުންނެވި ހަމައެކަނި ލީޑަރު ކަމަށެވެ.

"އަދި ﷲ އިރާދަފުޅުކުރެއްވިިޔާމުން ރާއްޖޭގެ ތާރީޚް ބަދަލުކުރައްވާނެ ރައީސަކީ ވެސް މިއީ. ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ދެވަނަ ދައުރަކަށް ހުވާ ކުރައްވާނެ ރައީސް. އެހެންވީމާ ތި ބޭފުޅުން އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް،" ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ ރައްޔިތުން ގުނބޯ ހެއްދުމުގެ ޒަމާން މާޒީވެއްޖެކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ޔަގީން ނުކޮށްދީ އިންތިޚާބަށް ވޯޓު ހޯދަން ވައުދުވުން ވެސް މާޒީވެއްޖެކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ގައްދޫގައި އޮތް ޖަލްސާގައި ވަހަކަދައްކަވަމުން ދިޔައިރު ރައީސް އަޑުއައްސަވަނީ -- ފޮޓޯ/ އެމްޑީޕީ

އެއީ މި ދައުރުގައި ރަށްތަކުގައި އަސާސީ ޚިދުމަތްތައް ޔަގީންވުމުންކަމަށް ރަފިއްޔާ ވިދާޅުވިއެވެެ.

"ދުވަހަކު ވެސް ރައީސަކު ނުވިސްނާ ވަރަށް ކުދި ރަށްތަކާއި ބޮޑެތި ރަށްތަކާއި ކުދި އާބާދީތަކާއި ބޮޑެތި އާބާދީތަކަށް ވިސްނެވި ރައީސަކީ އަޅުގަނޑުމެންގެ މި އިންނެވި ރައީސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު،" ރަފިއްޔާ ވިދާޅުވިއެވެ.

ރަފއްިޔާ ވިދާޅުވީ ގައްދޫގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ރައީސް ޞާލިޙަށް ވޯޓު ދިނުމަށް ސެޕްޓެމްބަރު ނުވަވަނަ ދުވަސް ނައިސްގެން އިންތިޒާރުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ހުވަދު އަތޮޅުގެ ރައްޔިތުންނަކީ އާދައިގެ ބައެއް ނޫންކަމަށާއި ކަމަަކަށް ނިކުމެއްޖެ ނަމަ އެ ކަން ހާސިލްކުރުމުގެ ގަދަ އަޒުުމު އޮންނާނެ ކަަމަށެވެ.

"އެެެހެންވީމާ މިއަދު އަޅުގަނޑުމެން މި ތިބީ ނިކުމެ ކީއްކުރަންތޯ، އާދެ އެއް ބުރުން އިބޫ ހޮވުމަށް ޓަކައި،" ރަފިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށުގެ ޒުވާނުންނާއި އަންހެނުންގެ ރޫހުން ވެސް ބޭނުންވަނީ ރައީސް ހޮވަން ކަމަށެވެ.

ކެމްޕޭނަށް ކޮންމެ ދުވަހަކު ވެސް ރައީސް ގިނަ ރަށްތަަކަކަށް އަރައިވަޑައިގަންނަވާކަން ފާހަގަކުރައްވައި ރަފިއްޔާ ވިދާޅުވީ އެ ކަމުން ވެސް ހާމަވަނީ ރައީސްގެ ހިތްވަރުފުޅު ގަދަކަން ކަމަށެވެ.

comment ކޮމެންޓް