ޕީއެސްޖީ ދޫކޮށް ދާން އުޅޭ ކަމަށްބުނާ ވާހަކަތައް ނޭމާގެ ބައްޕަ ދޮގުކޮށްފި

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ތަރި ނޭމާ، އެ ކްލަބު ދޫކޮށް ދާން މަސައްކަތްކުރަމުންދާ ކަމަށްބުނެ ދައްކަމުންދާ ވާހަކަތައް އޭނާގެ ބައްފަ ދޮގުކޮށްފިއެވެ.

ފްރާންސްގެ ނޫހެއް ކަމަށްވާ 'އެލް އިކުއިޕް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ ޓްރާންސްފާގެ މުއްދަތު ހަމަވުމުގެ ކުރިން ނޭމާ، އެހެން ކްލަބާ ގުޅެން ބޭނުންވާކަން ޕީއެސްޖީގެ އޮފިޝަލުންނަށް ވަނީ އަންގައިފައެވެ. ނަމަވެސް ނޭމާގެ ބައްޕަ އަދި އޭނާގެ އެޖެންޓް ނޭމާ ޑަ ސިލްވާ ސަންޓޯސް ވަނީ އެ ވާހަކަތައް ދޮގުކޮށްްފައެވެ.

"އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް. އެއީ ދޮގު ފަތުރާ ނޫހެއް. އެ މައުލޫމާތުތަކަކީ އެހެން ތަނަކުން އެ ނޫހަށް ލިބުނު މައުލޫމާތެއް. އެއީ ސައްހަ މައުލޫމާތުތަކެއް ވެސް ނޫން،" ބްރެޒިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޭމާގެ ބައްޕަ ބުންޏެވެ.

މިދިޔަ ސީޒަނުގައި ނޭމާއަށް ވަނީ ޕީއެސްޖީގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޕީއެސްޖީގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ސަޕޯޓަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

މިދިޔަ ސީޒަނަށްފަހު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ޕީއެސްޖީ ދޫކޮށްލާފައިވާ އިރު، ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ކޮންޓްރެކްޓު ވެސް ކުރިއަށްއޮތް ސީޒަނަށްފަހު ނިމުމަކަށް އަންނާނެއެވެ. ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތްތަަކެއް ކުރި ނަމަވެސް، އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އޭނާ ބޭނުންވަނީ ކުރިއަށްއޮތް ސީޒަން ނިމުމުން، ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ.

comment ކޮމެންޓް