ފާރިޝް އާއި އުމަރު އަދި ޒަމީލްގެ ކެންޑިޑެސީ ބަލައިގެންފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫނާއި އުމަރު ނަސީރުގެ އިތުރުން ހަސަން ޒަމީލްގެ ކެންޑިޑެސީ އިލްކެޝްންސް ކޮމިޝަނުން މިއަދު ބަލައިގެންފިއެވެ.

އެ ތިން ބޭފުޅުންގެ ކެންޑިޑެސީ ފޯމް އެ ކޮމިޝަނަށް ހުށަހެޅީ އިއްޔެއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް، ކުރިމަތިލެއްވި އުމަރާއި ފާރިސްގެ އިތުރުން ޒަމީލްގެ ކެންޑިޑެސީ އެ ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވިގޮތުގައި އެ ތިން ކެންޑިޑޭޓުންގެ ފޯމް ބަލައިގަތީ އެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކުކުރިއިރު، ގާނޫނުގައިވާ ގޮތުގެ މަތީން، އެބޭފުންނަކީ ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅުންކަމުގައި އެ ކޮމިޝަނަށް ގަބޫލުކުރެވޭތީއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވާއިރު މި އިންތިޚާބުގައި ޖުމުލަ އަށް ބޭފުޅަކު ވާދަކުރައްވައެވެ.

އެއީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އަމިއްލަގޮތުން ފާރިސް އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލެވެ.

ރިޔާސީ އިންތިޚާބު އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30ގައެވެ.

comment ކޮމެންޓް