ކުރިއަށް އޮތް ދުވަސްތަކުގައި އުދަ އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ބާނި ބޮޑުކޮށް އުޅުނު ކަމުގައި ވިޔަސް ދެން އުދަ އަރާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަފުތާ ތެރޭގައި، ކަނޑުގެ ބާނި ބޮޑުވެ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފައިވެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ސިނަމާލެ ބްރިޖަށް ވެސް އުދަ އަރައި، ބުރިޖު މަތީގައި ތިބި ހަ މީހަކަށް އެކި ވަރުގެ އަނިޔާވެފައިވެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_169123403636rO5P.jpg)
ބްރިޖް މައްޗަށް އުދައަރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
އުދަ އެރުމުގެ ސަބަބުން އެދުވަހު، މާލެ އާއި ހުޅުމާލެއާ ދެމެދު ދުއްވާ ބަސްތަކުގެ ޝެޑިއުލްއަށް ވެސް ބަދަލުތަކެއް ގެނައެވެ.
މީގެ ކުރިން ވެސް މާލެއަށް ވަރަށް ބޮޑަށް އުދައަރާފައި ވެއެވެ. އެގޮތުން ސިނަމާލެ ބްރިޖް އެންމެ ފުރަތަމަ ހުޅުވާލި ދުވަސްވަރު، އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ ޕްރޮޓެކްޝަން ވެސް އިތުރުކުރިއެވެ.