ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ މަޝްހޫރު ތަރިންތައް ގުޅިފައިވަނީ ބްރެޒިލް ތަރި ނޭމާގެ ސަބަބުން ކަމަށް ބްރެޒިލްގެ މަޝްހޫރު އެޖެންޓް އަންދްރޭ ކުރީ ބުނެފިއެވެ.
ކުރީ ބުނެފައިވާ ގޮތުގައި ޕީއެސްޖީއަށް އެންމެ ރަނގަޅު ގޮތެއް ވެފައިވަނީ 2017 ވަނަ އަހަރު ނޭމާ، އެ ކްލަބާ ގުޅުމުންނެވެ. އެ ޓްރާންސްފާއަށްފަހު އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ފްރާންސް ތަރި ކިލިއަން އެމްބާޕޭ އަދި އާޖެންޓީނާ ފޯވަޑް އަންހެލް ޑި މަރީއާ ފަދަ ކުޅުންތެރިން ޕީއެސްޖީއާ ގުޅިފައިވާކަން އޭނާ ފާހަގަކުރެއެވެ.
"ޕީއެސްޖީއަށް ނޭމާ ކޮށްދިން ހިދުމަތަކީ ވަރަށް އަގުހުރި މަސައްކަތެއް. ޕީއެސްޖީގައި އޭނާގެ މާކެޓިން ވަރަށް ރަނގަޅު. ދުނިޔޭގެ ކޮންމެ ހިސާބަކަށް ދިޔަޔަސް، ޕީއެސްޖީގެ ޖާޒީ ވިކޭނެ. އެއީ ނޭމާގެ ސަބަބުން. ހަމަ އެގޮތަށް މެސީ، އެމްބާޕޭ، ޑި މަރީއާ ފަދަ ކުޅުންތެރިން ވެސް އެ ކްލަބާ ގުޅުނީ ނޭމާގެ ސަބަބުން،" 'އޭއެސް'އަށް ދިން އިންޓަވިއުއެއްގައި ކުރީ ބުންޏެވެ.
މިދިޔަ ސީޒަނުގައި ނޭމާއަށް ވަނީ ޕީއެސްޖީގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޕީއެސްޖީގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ސަޕޯޓަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ.
ނޭމާގެ ދިފާއުގައި ވާހަކަދެއްކި ކުރީ އަކީ ޔޫރަޕްގެ ފުޓުބޯޅައިގައި ގިނަ ތަރިންތަކެއްގެ ޓްރާންސްފާ ހަމަޖައްސާފައިވާ އެޖެންޓެކެވެ. ކުރީ 2003 ވަނަ އަހަރު ބާސެލޯނާއަށް ރޮނާލްޑީނިއޯ ގެންދިއުމުގައި މެދުވެރިއަކަށްވެފައިވާ އިރު، އޭގެ ފަހުން ބާސާއަށް ނޭމާ ގެންގޮސްދީފައިވަނީ ވެސް އޭނާއެވެ. ދާދި ފަހުން އޭނާ ވަނީ ބްރެޒިލްގެ "އާ ރޮނާލްޑޯ"ގެ ގޮތުގައި މަޝްހޫރުކަން ހޯދަމުންދާ އުމުރުން 18 އަހަރުގެ ވިޓޯ ރޯގް ވެސް ބާސާއަށް ގެންގޮސްފައެވެ.