ރާއްޖެއިން އަނެއްކާވެސް ހިމަބިހީގެ ކޭހެއް އިއްޔެ ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެ ކަމާ ގުޅިގެން ބެލި ބެލުމުން އެއީ ރާއްޖެއިން ބޭރުން އޭނާ އަށް ބަލިޖެހި ރާއްޖެއަށް އިމްޕޯޓެޑް ކޭސްއެއްގެ ގޮތުގައި ފާހަގަވެފައިވާ ކޭސްއެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ އޭނާއާ ގުޅުންހުރި މީހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ދެ ޑޯޒް ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ކޭހެއް ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހު ފެނިފައެވެ.
ހިމަބިހި ޖެހިފައިވާ މީހެއްގެ ކިބައިން ފެންނާނެ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތްބިހި ނެގުން ހިމެނެއެެވެ. އަދި ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ވެސް ހިމެނެއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މީސަލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަަމަކުރުމަކީ ހިމަބިހި ޖެހުމުގެ ފުރުސަތު 97 ޕަސެންޓު ކުޑަކޮށްދޭ ކަމެކެވެ. ނަމަވެސް ބަލީގެ ޒާތުން، މިއީ އަވަހަށް ފެތުރޭ ބައްޔަކަށްވުމުން ބައްޔަށް ހުށަހެޅިއްޖެނަމަ ބައެއް މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮންނަކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި އެކަމުގެ ލިޔުން ދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ގައެވެ.
އޭގެ ފަހުން ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވީ ކޮވިޑު-19 ބަލިމަޑުކަން ފެނުމުގެ ދުވަސްކޮޅެއް ކުރިން 2020 ވަނަ އަހަރުގެ ޖެނުއަރީގައެވެ.
މީގެ ފަސް މަސްކުރިން، އެޕްރީލް މަހުގެ ތެރޭ އައްޑޫ ސިޓީން ކުޑަ ކުއްޖަކު ވެސް ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.