އެބޯލާ ފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ލައިބީރިއާގައި އެބޯލާ ޖެހުނު ސްޕެއިން މީހަކު އެމްބިއުލާންސަށް އަރުވަނީ -- ފޮޓޯ/ އޭޕީ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެބޯލާ ބަލިމަޑުކަން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ރާއްޖެއަށް މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ވައިރަހަށް ވެކްސިނެއް އުފެދިފައި ނުވާއިރު، ރާއްޖޭގެ ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުންނެވެ.

  • ކޮންގޯ އަދި ޔޫގެންޑާގައި އެބޯލާ ފެތުރެމުންދާތީ އެ ގައުމުތަކަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވޭ.
  • މިހާރު ފެތުރެމުންދާ އެބޯލާގެ ބާވަތް ކަމަށްވާ ބަންޑިބުގްޔޯ ވައިރަހަށް އެއްވެސް ވެކްސިނެއް މިހާތަނަށް އުފައްދާފައެއް ނުވޭ.
  • ކޮންގޯގެ އިޓޫރީ ޕްރޮވިންސުން ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ޝައްކުކުރެވޭއިރު، އަވަށްޓެރި ގައުމުތަކަށް ބަލި ފެތުރުމުގެ ނުރައްކާ ބޮޑު.
  • ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ބޭރަށް ހިންގުމުގެ އިތުރުން ހަށިގަނޑުން ލޭފޭބުން ހިމެނޭ.
  • ރާއްޖޭގެ ހެލްތު މިނިސްޓްރީން މި ހާލަތު ގާތުން ބަލަމުންދާ ކަމަށާއި އާންމުންނަށް މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް ބުނެފައިވޭ.

ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން، ބަލިފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިންމު ކަމަށެވެ.

އެބޯލާ އާއި ގުޅިގެން އެޗްޕީއޭއިން ނެރުނު އެންގުން...

މިހާރު ފެތުރެމުންދާ އެބޯލާގެ ބާވަތަކީ ބަންޑިބުގްޔޯ ވައިރަހެވެ. އެބޯލާގެ ޒައިރޭ ކިޔާ ބާވަތަށް ޚާއްސަ ވެކްސިންތަކެއް އުފައްދާފައިވީ ނަމަވެސް، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ އިރުޝާދުތަކަށް ބޯލެނބުމާއި، ބަލިޖެހިފައިވާ މީހުންނާ ގާތްނުވުމަކީ މިވަގުތަށް އޮތް އެންމެ މުހިންމު ފިޔަވަޅު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އދ. ގެ ސިއްހީ އިދާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިގެން މަރުވި ކަމަށް ބެލެވޭ 80 މީހުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ލެބޯޓްރީ ތަހުލީލުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ އަށް މީހުންނާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 246 މީހުން ވަނީ ފެނިފައެވެ. ޑަބްލިއުއެޗްއޯ އިން ވަނީ ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އިންޒާރު ދީފައެވެ.

މި ބަލީގެ އިންކިއުބޭޝަން ޕީރިއަޑަކީ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ހިމެނެއެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ކުރިމަތިވެ، ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓި، އެތެރެއަށާއި ބޭރަށް ލޭ ފޭބުމުގެ މައްސަލަތައް ކުރިމަތިވެއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ ސިއްހީ އިދާރާތަކުން މި ހާލަތު ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި ބަލިމަޑުކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް