ގާސިމް ރަނިންމޭޓަކަށް އަމީން ހަމަޖައްސައިފި

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމާ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--- ފޮޓޯ/ ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި ދައުލަތުގެ ޒިންމާދާރު ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިއަދު 2:30 ގައި ޖުމްހޫރީ ޕާޓީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ރަނިންމޭޓަކަށް ހަމަޖެއްސިކަން އިއުލާން ކުރާނެއެވެ.

ދާދިފަހުން ޕީއެޗްޑީ ހާސިލްކުރެއްވި އަމީން، ގާސިމާއެކު ސިޔާސީ މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަމީން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ރަނިންމޭޓެއް ކަނޑައެޅުމަށްޓަކައި ގިނަ މަޝްވަރާތަކެއްކޮށް ގިނަ ބޭނުންތަކަކަށް ފުރުސަތު ދެއްވިއެވެ. ނަމަވެސް ގިނަ ބޭފުޅުންނާއެކު އެއްބަސްވުމަކަށް ނާދެވުމުން ޕާޓީގެ ބޭފުޅަކަށް ދޭން ނިންމީއެވެ.

އަމީން އިބްރާހީމް މީގެކުރިން އަދާކުރެއްވި ސަރުކާރުގެ އިސް މަޤާމުތަކުގެ ތެރޭގައ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނައިބުކަމާއި، ތައުލީމީ ފަންޑުގެ ޗެއާމަންކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އަމީން ވަނީ އެމްއެންބީސީގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމާއި، އެމްޓީސީސީ ބޯޑުގެ ޑިރެކްޓަރުކަމުގެ މަޤާމުގެ އިތުރުން، ކުންފުނިތައް އެސްޓެބްލިޝްކޮށް އެތަންތަނަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ވެސް ކޮށްދީފައެވެ.

އަމީން އިބްރާހިމަކީ ތުޅާދޫގެ މަޝްހޫރު ޚިދުމަތްތެރިޔާ އަދި ޤުރުއާން މުދައްރިސް އަލްމަރުހޫމް އިބްރާހިމް ހުސައިންފުޅުގެ އެންމެ ދޮށީ ބޭފުޅާއެވެ.

comment ކޮމެންޓް