ޑެމްބެލޭގެ ޓްރާންސްފާއަށް ލަސްތަކެއް

ބާސެލޯނާގެ ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭ -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭގެ ލިޔެކިޔުންތަކުގައި މައްސަލަތަކެއް އުޅޭތީ، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ޓްރާންސްފާއަށް ލަސްތަކެއް އައިސްފިއެވެ.

ޕީއެސްޖީން ވަނީ ޑެމްބެލޭ ގެންދިއުމަށް ބާސާއަށް 43 މިލިއަން ޕައުންޑް (55 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް ދެއްކުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެ ޓްރާންސްފާ ނިންމުމަށް މިހާރު ވަނީ ލަސްތަކެއް އައިސްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމަށް ޕީއެސްޖީން މިހާރު މަޑުކުރަމުންދަނީ ޑެމްބެލޭގެ ލިޔެކިޔުންތައް ލިބެންދެނެވެ. އަދި ލިޔެކިޔުންތައް ފުރިހަމަވަންދެން އޭނާ ބާސާގެ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ މެޑިކަލްގައި ޑެމްބެލޭ ބައިވެރިވުމަށް މާދަމާއަށް ތާވަލުކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕެރިސްއަށް ގޮސްފައެވެ. ޕެރިސްގައި ހުރި ނަމަވެސް، ޑެމްބެލޭއަކީ އަދި ބާސާގެ ކުޅުންތެރިޔަކަށްވާތީ އޭނާއަށް ރަސްމީކޮށް ޕީއެސްޖީގެ ތަމްރީނުތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ޕީއެސްޖީން ޑެމްބެލޭ ހޯދުމަށް މަސައްކަތްކުރަމުންދަނީ އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހެދުމުން އޭނާގެ ބަދަލުގައެވެ. އެމްބާޕޭ ބޭނުންވަނީ ކުރިއަށްއޮތް ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ.

comment ކޮމެންޓް