މި މަހު ކުރީކޮޅު ބޭއްވުމަށް ތާވަލުކުރި "ދިވެހި ފިލްމު އެވޯޑްސް 10" ހަފްލާ، ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
ދިވެހި ފިލްމް އެވޯޑް ހަފްލާ އެންމެ ފަހުން ބާއްވާފައި ވަނީ 2019ގެ ނޮވެމްބަރު މަސް ތެރޭގައެވެ.
އެ އެވޯޑް އިންތިޒާމުކުރާ ނެޝަނަލް ސެންޓް ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ އެ ސެންޓަރުން އިންތިޒާމްކޮށްގެން ހިނގަމުން މި އަންނަ އޯގަސްޓް ފަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 10 ފަސްކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެވޯޑް ހަފްލާ ފަސްކުރި ސަބަބު އަދި ހާމަނުކޮށް، އެންސީއޭ އިން ބުނީ ދިވެހި ފިލްމު އެވޯޑްސް ބޭއްވޭނެ ތާރީޚެއް ފަހުން އިއުލާންކުރެވޭނެ ކަމަށެވެ.
އެންސީއޭ އިން ބުނިގޮތުގައި ދިވެހި ފިލްމުތަކަށް އެވޯޑް ދޭ ހަފުލާ ބޭއްވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އެގޮތުން ފިލްމުތައް ޖަޖުކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން އަންނަ ކަމަށާއި އަދި މިއަހަރުގެ އެވޯޑް ދޭނީ 2019 އިން 2022 އާއި ދެމެދުގައި ތައްޔާރުކޮށްފައިވާ ފިލްމުތަކަށް ކަމަށް ވެސް އެންސީއޭ އިން ބުނެއެވެ.
ދިވެހި ފިލްމް އެވޯޑުގައި ފިލްމްތައް ބައިވެރި ކުރުމުގެ ފުރުސަތު މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެ މުއްދަތުގައި ހުށަހެޅީ ކިހާ ފިލްމެއް ކަމެއް އެ ސެންޓަރުން އަދި ހާމައެއް ނުކުރެއެވެ.