މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ މެންބަރު ހުސައިން

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މުއިއްޒާއި އޭނާގެ ރަނިންމޭޓްކަަމަށް ކަނޑައެޅި ހުސައިން --

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަން ނިންމައިފިއެވެ.

މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ، ކެންޑިޑެސީއަށް ފޯމް ހުށަހެޅުމުގެ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ރަނިންމޭޓަކު ޚިޔާރުކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތައުލީމީ، ގާބިލް ޚިދުމަތްތެރިއެއް،" މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00އަށް ހަމަވާނެއެވެ.

މުއިއްޒު ވިދާޅުވީ، އުއްމީދަކީ އޭގެ ކުރިން ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ފަހިވެ، ''ބެކްއަޕް'' އެޕްލިކޭޝަނެއް ލާން ނުޖެހުން ކަމަށެވެ.

ޕީއެންސީގެ ޓިކެޓްގައި ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ޓިކެޓަށް ވާދަކުރެއްވީ މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ކެންޑިޑޭޓު ހޮވުމަށް ސެނެޓުގައި ނެގި ވޯޓުގައި މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އާދަމް ޝަރީފަށް ލިިބިވަޑައިގަތީ 23 ވޯޓެވެ.

މުއިއްޒަށް ޓިކެޓު ދޭން ނިންމައިފައި ވީ ނަމަވެސް، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި، މުއިއްޒު ވާދަ ކުރައްވާނީ "ވޯސްޓް ކޭސް" ގައި ކަމަށް ޔާމީންގެ ގާނޫނީ ވަކީލް އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވަނީ ވިދާޅުވެފައެެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ނިންމައިފައެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ރޭ އެ ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވައިފައެވެ.

ހަތް ގަޑިއިރަށް ވުރެ ވެސް ގިނަ އިރަށް ދެމިގެން ދިޔަ އަޑުއެހުމަށް ފަހު، މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވީ އެ މައްސަލައިގައި ފަނޑިޔާރުން ސާފު ކުރައްވަން ބޭނުންފުޅުވާ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްގެ އިތުރު ކެންޑިޑޭޓަކަށް ކުރިމަތި ލުމަށް މުއްދަތު އިތުރު ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

comment ކޮމެންޓް