ޕީޕީއެމް ކެންޑިޑޭޓެއް ހުންނާނެ، މުއިއްޒު ވާދަކުރާނީ ''ވޯސްޓް ކޭސް''ގައި: ޖަމީލް

އަޑުއެހުމަށް ފަހު ގާނޫނީ ވަކީލުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ / ސަން ފޮޓޯ: މާހިލް އާތިފް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި، ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާދަ ކުރައްވާނީ "ވޯސްޓް ކޭސް" ގައި ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލް އަދި ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްގެ އިތުރު ކެންޑިޑޭޓަކަށް ކުރިމަތި ލުމަށް މުއްދަތު އިތުރު ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އަޑުއެހުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ، ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށާއި، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތި ނުދާނެ ކަމަށެވެ.

"އޮލްޓަނޭޓިވް އެއް އަތުވެއްޖިއްޔާ ވެސް އަންނާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް. ޕީއެންސީ އަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ،" ޖަމީލް ވިދާޅުވިއެވެ.

ޔާމީނަށް ކުރިމަތިނުލެވޭ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމައި އިއްޔެ ވަނީ ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ސިއްރު ވޯޓެއް ނަގާފައެވެ. ދެ ވޯޓުގެ ތަފާތުން އެ އިންތިޚާބު ކާމިޔާބު ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އޭނާ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓު އިންތިޚާބުގައި ވާދަ ކުރައްވާނީ ޔާމީންގެ މައްސަލައިގެ ނިމުން ލަސްވެ، އިތުރު ކެންޑިޑޭޓެއް ހުށަހަޅާނެ ފުރުސަތު ޕީޕީއެމަށް ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ.

ނަމަވެސް ޑރ. ޖަމީލް މިރޭ ވިދާޅުވީ އުއްމީދަކީ މި މައްސަލައިން ސަލާމަތްވެ ޔާމީންގެ ނަންފުޅު އިންތިޚާބުގެ ޓިކެޓުގައި އޮތުން ކަމަށެވެ.

ސުޕްރީމް ކޯޓުގައި ހުކުރު ދުވަހު ހަވީރު ފެށި އަޑުއެހުންތައް ނިންމާލާފައި ވަނީ 23:30 ހާއިރު އެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

comment ކޮމެންޓް