ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔަކަށް ވެލެންސިއާގެ އަޔާން

ދިވެހި ޕްރިމިއާ ލީގުގައި ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާގެ އަޔާން ބޯޅައަށް މަސައްކަތްކުރަނީ -- ފޮޓޯ/ އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ކްލަބު ވެލެންސިއާގެ ޔޫސުފް އަޔާން އާމިރު ހޯދައިފިއެވެ.

އަޔާން އެ ގޯލު ޖަހާފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު ލީގު މެޗުގައެވެ. އޭނާ އެ ގޯލު ޖަހާފައިވަނީ ވެލެންސިއާ ބަލިވާން ދަނިކޮށް، ފަހު ވަގުތުއެވެ. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ގްރީނުން ވަނީ ގޯލެއް ޖަހައި، ލީޑު ހޯދައިފައެވެ. ލިބުނު ހިލޭ ޖެހުމަކުން ގްރީނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސީބެވެ. އެ ގޯލަށްފަހު ވެލެންސިއާ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވެލެންސިއާ އިން މަސައްކަތްތަކެއްކޮށް، ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ވެލެންސިއާގެ ޒުވާން ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ މުހައްމަދު އިލާން އިމްރާނާއި އީތަން އިބްރާހިމް ޒަކީއަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ވެލެންސިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ވެލެންސިއާއަށް އަޔާން އެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން ދިން ބޯޅައަކުންނެވެ. އެ ގޯލު ޖެހި އިރު، އަޔާންގެ އުމުރަކީ 15 އަހަރެވެ. އެހެންކަމުން އޭނާ ވެގެން ގޮސްފައިވަނީ ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

އަޔާންގެ އެ ގޯލަކީ މިސީޒަނުގެ ލީގުގައި ވެލެންސިއާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އަދި މިއަދު ހޯދި ޕޮއިންޓަކީ ވެސް މިސީޒަނުގެ ލީގުގައި އެޓީމުން ހޯދި ފުރަތަމަ ޕޮއިންޓެވެ. ލީގުގައި ވެލެންސިއާ އަދިވެސް އޮތީ ތާވަލުގެ ފުލުގައެވެ. މިއަދުގެ މެޗުގެ ކުރިން އެޓީމު ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފައެވެ.

comment ކޮމެންޓް