ހަވަޔާއެކު މިނިވަން އުފާ ކާނިވާ ނިންމައިލައިފި

މިނިވަން އުފާ ކާނިވާ ހުޅުވުން --

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވި މިނިވަން އުފާ ކާނިވާ ނިންމާލައިފިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން މިރޭ 09:00 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ހަވާ ވެސް އަރުވާފައެވެ.

ކާނިވާ ހުޅުއްވައިދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. މި ކާނިވަލަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު އިރު، ވޭތުވެ ދިޔަ ހަތަރު ރޭ އެ ސަރަހައްދު ފެނުނީ ތޮއްޖެހިފައި ވާ މަންޒަރެވެ.

ކާނިވާ ހުޅުވުމުގެ ގޮތުން ވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން ހަވާ އެރުވުމާއެކު ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ޑްރޯން ޝޯއެއް ވަނީ ބާއްވާފައެވެ.

ކާނިވަލުގައި ގޭމް ސްޓޯލްތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކުމަށް ޚާއްސަ ފުޑް ސްޓްރީޓްއާއި، ފްލޯޓްތައް ދައްކާލުމުގެ އިތުރުން ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯއަކާއި ލައިވް މިއުޒިކް އަދި ކަރޯކޭ ބޮކްސް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެނެވެ. އާބަންކޯއިން ބުނީ މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކުރީ ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންކަމަށެވެ.

ކާނިވަލުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އޮތީ އުރީދޫ މޯލްޑިވްސްއިން ބޭއްވި ލަކީ ޑްރޯއެވެ. މި ލަކީ ޑްރޯގައި ގްރޭންޑް ޕްރައިޒް އަކީ ހަތް ދުވަހުގެ ބާލީ ދަތުރެކެވެ.

މި ލަކީ ޑްރޯގެ ނަސީބުވެރިއަކު ވެސް މިރޭ ވަނީ ހޮވާފައެވެ.

comment ކޮމެންޓް