ކެންޑިޑޭޓަށް ވާން ފޯމު ހުށަހެޅީ އާދަމް ޝަރީފާއި މުއިއްޒު އެކަނި

ރިޔާސީ އިންތިޚާބުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކޯލިޝަން ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވުމާ ގުޅިގެން ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލި، ފުރުސަތުގައި ކުރިމަތިލެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަންނެވެ.

ޕީޕީއެމްގެ މައި އޮފީހުގައި 47 ސެނެޓަރުންނާ އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، ޕީއެންސީން އިންތިޚާބުގައި ވާދަކުރުމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމާއި އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް އަމަލު ކުރާނެ ގޮތެއް ނިންމައި، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

ސެނެޓު ބައްދަލުވުމުގައި ބައިވެރިވި 47 ސެނެޓަރުންގެ ތެރެއިން 44 ސެނެޓަރުންގެ އަގުލަބިއްޔަތުން އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފައެވެ.

އެހެންވެ، ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން މިއަދު މެންދުރު ފަހު، 2:00 ގެ ނިޔަލަށް ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ. އަދި، މިއަދު 4 ޖަހާއިރު އޮންނަ ސެނެޓު ބައްދަލުވުމުގައި ކެންޑިޑޭޓަކު ކަނޑައަޅަން ވޯޓަށް އަހަން ވަނީ ނިންމައިފައެވެ.

އެ މުއްދަތު ހަމަވީއިރު، ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވައި ފޯމު ހުށަހަޅުއްވާފައިވަނީ އާދަމް ޝަރީފާއި މުއިއްޒު އެކަންޏެވެ. އެހެން، އެއްވެސް ބޭފުޅަކު ޓިކެޓަށް ވާދަ ކުރައްވައިފައެއް ނުވެއެވެ.

ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ، ސެނެޓު ބައްދަލުވުން މިއަދު ހަވީރު 4:00އަށް ވަނީ ތާވަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ކެންޑިޑޭޓަކު ކަނޑައެޅުމަށް ވޯޓަށް އަހާނެއެވެ.

https://sun.mv/180332

ޕީޕީއެމް/ޕީއެންސީން އޮތީ ޔާމީނަށް ރިޔާސީ ޓިކެޓު އަރުވަން މާ ކުރިން ނިންމައިފައެވެ. އެކަމަކު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ގައި ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެހެންވެ، ޖަލުގައި ހުންނަވައިގެން ސޮއި ކުރައްވާ، ހުށަހެޅުއްވި ޔަމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

https://sun.mv/180335

އެކަމަކު، ސުޕްރީމް ކޯޓުން ވެސް އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިންމައިފާނެ ހާލަތަކަށް ބައްލަވާފައި، ޔާމީން ވަނީ ޕީއެންސީން 'ބެކަޕް' ކެންޑިޑޭޓެއް ނެރެން އަންގަވައިފައެވެ.

އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ޔާމީން ކެންޑިޑޭޓެއް ކަނޑައަޅުއްވައިދެއްވަން އެދިވަޑައިގެންފައެވެ. އެކަމަކު، ވަކި ބޭފުޅަކު އިޙްތިޔާރު ކުރައްވަން ދެކޮޅު ހައްދަވައި، އެ މަނިކުފާނު ވަނީ އެ ބާރު ސެނެޓަށް ދޫކޮށްލައްވައިފައެވެ.

comment ކޮމެންޓް