އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރު ފަހު 2:30 އަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އީސީއާ ހަވާލުކޮށްފައެވެ. އެކަމަކު، އީސީން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާށެވެ.
ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ.
ނަމަވެސް މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް އޮވެއެވެ. ޔާމީންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ދެކިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް އެ ޕާޓީން މިއަދު ވަނީ ރަސްމީ ކޮށް ނިންމާފައެވެ.