އިންތިޚާބުގައި ވާދަކުރަން ޕީއެންސީން ރަސްމީކޮށް ނިންމައިފި

ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށްދާ ސެނެޓު ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރިޔާސީ އިންތިޚާބުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކޯލިޝަން ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވުމާ ގުޅިގެން، މިހާރު ކުރިއަށްދާ ސެނެޓު ބައްދަލުވުމުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ރަސްމީކޮށް ނިންމައިފިއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި 47 ސެނެޓަރުންނާ އެކު އެ ބައްދަލުވުން މިހާރު ވަނީ ފަށައިފައެވެ. ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، ޕީއެންސީން އިންތިޚާބުގައި ވާދަކުރުމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމާއި އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް އަމަލު ކުރާނެ ގޮތެއް ނިންމައި، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ބައިވެރިވި 47 ސެނެޓަރުންގެ ތެރެއިން 44 ސެނެޓަރުންގެ އަޣުލަބިއްތުން އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން އޮތީ ޔާމީނަށް ރިޔާސީ ޓިކެޓު އަރުވަން މާ ކުރިން ނިންމައިފައެވެ. އެކަމަކު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ގައި ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

https://sun.mv/180324

އެހެންވެ، ޖަލުގައި ހުންނަވައިގެން ސޮއި ކުރައްވާ، ހުށަހެޅުއްވި ޔަމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މިއަދުގެ ސެނެޓު ބައްދަލުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު: އޭނާ ވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެކަމަކު، ސުޕްރީމް ކޯޓުން ވެސް އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިންމައިފާނެ ހާލަތަކަށް ބައްލަވާފައި، ޔާމީން ވަނީ ޕީއެންސީން 'ބެކަޕް' ކެންޑިޑޭޓެއް ނެރެން އަންގަވައިފައެވެ.

އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ޔާމީން ކެންޑިޑޭޓެއް ކަނޑައަޅުއްވައިދެއްވަން އެދިވަޑައިގެންފައެވެ. އެކަމަކު، ވަކި ބޭފުޅަކު އިޙްތިޔާރު ކުރައްވަން ދެކޮޅު ހައްދަވައި، އެ މަނިކުފާނު ވަނީ އެ ބާރު ސެނެޓަށް ދޫކޮށްލައްވައިފައެވެ.

މިއަދުގެ ސެނެޓު ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން: މުއިއްޒު ވަނީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަން މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި، ޕީއެންސީގެ ރިޔާސީ ޓިކެޓަށް އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅު ކޮށްފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ ސެނެޓު ބައްދަލުވުމުގައި އިންތިޚާބާ މެދު ގޮތެއް ނިންމުމުން، ވާދަ ކުރައްވާނެ ކެންޑިޑޭޓުން މިއަދު ހަވީރު ފޯމު ހުށަހަޅާނެއެވެ. އަދި، މިރޭ ބާއްވާ ސެނެޓު ބައްދަލުވުމުގައި ކެންޑިޑޭޓަކު ނިންމަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް