ސެނެގާލް ފޯވަޑް ސާޑިއޯ މާނޭ، ބަޔާން މިއުނިކުގައި ފެއިލްވުމުގެ ޒިންމާ ނަގާ ކަމަށް އެ ކްލަބުގެ ކޯޗު ތޯމަސް ޓުޝެލް ބުނެފިއެވެ.
ލިވަޕޫލުން 27.5 މިލިއަން ޕައުންޑް (35.28 މިލިއަން ޑޮލަރު)އަށް ބަޔާނާ ގުޅުމަށްފަހު، މާނޭ އެ ކްލަބުގައި ހޭދަކޮށްފައިވަނީ އެންމެ ސީޒަނެކެވެ. ލިވަޕޫލުގައި މާނޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ބަޔާންގައި މާނޭއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އޭނާއަށް މިދިޔަ ސީޒަނުގައި 38 މެޗުން ކާމިޔާބުކުރެވިފައިވަނީ 12 ގޯލެވެ. ބަޔާން ދޫކޮށްލުމަށްފަހު، މާނޭ ވަނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އަލް ނަސްރާ ގުޅިފައެވެ. އޭނާ އެ ކްލަބާ ގުޅުނީ 35 މިލިއަން ޕައުންޑް (45 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
މިދިޔަ ސީޒަނުގައި ބަޔާންގެ ލެރޯއީ ސާނޭއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން މާނޭއަށް ވަނީ ކްލަބުން ސަސްޕެންޝަނަކާ ވެސް ކުރިމަތިލާން ޖެހިފައެވެ. މާނޭގެ އެ އަމަލާއި ރަނގަޅު ކުޅުމެއް ދެއްކިފައިނުވުމުން ބަޔާނުން ވަނީ އަލް ނަސްރުން ބިޑުކުރުމާއެކު އޭނާ ވިއްކާލުމަށް ނިންމައިފައެވެ. މާނޭ, ބަޔާން ދޫކޮށް ދިއުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ކްލަބުގެ ކޯޗު ޓުޝެލް ގަބޫލުކުރެއެވެ.
"ވެގެން އެ ދިޔައީ މާނޭ އަދި އަހަރެން ވެސް ބޭނުންވި ގޮތެއް ނޫން. އެކަމަކީ މިވަގުތު އެންމެ ރަނގަޅު ނިންމުމަކީ އެއީ. އަހަރެންނަށް އެނގޭ މާނޭ ވެސް ހިތާމަކުރާނެކަން. އަހަރެން ވެސް އެކަމާ އުފަލެއް ނުކުރަން. މާނޭއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުން، އަހަރެން އެކަމުގެ ޒިންމާ ނަގަން،" ޓުޝެލް ބުންޏެވެ.
އަލް ނަސްރުން މާނޭއަށް މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށް 34 މިލިއަން ޕައުންޑް (43 މިލިއަން ޑޮލަރު) ލިބޭނެއެވެ. މާނޭ އާއި ރޮނާލްޑޯއާއެކު ކުރިއަށްއޮތް ސީޒަނުގައި އަލް ނަސްރު ފެނިގެންދާނީ ވަރުގަދަކޮށެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު އެލެކް ޓެލޭސް އާއި އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ވެސް މިހާރު ސްކޮޑުގައި ހިމެނެއެވެ.