ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަސް ގާތްވަމުން އަންނައިރު ވިސްނަންވީ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ގައުމުގެ މަސްލަހަތު އިސްކުރުމަށްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅަށް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ފިއްލަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޚިޔާލު ތަފާތުވާ ކަންކަން ހުރި ކަމުގައިވީ ނަމަވެސް މި ވަގުތަކީ އެ ކަންކަމުގެ މައްޗަށް ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތުކަމަށެވެ.
އެއީ މިދިޔަ ފަސް އަހަރު ވެރިކަންކުރުން ބައްޓަންކުރެއްވި ގޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަަޅުގަނޑުމެންގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތަކާއި ތަފާތު ޚިޔާލުތައް އެއްތަންކޮށް މުޅި ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައިގެން. އެ ވެދާނެ އަޅުގަނޑަށް ނޫނިއްޔާ ޝެއިޚް އިމްރާނަށް [އަދާލަތު ޕާޓީގެ ރައީސް]އަށް ނޫނީ ކޯލިޝަންގައި ތިބި ލީޑަރުންނަށް އެންމެ ރަނގަޅު ގޮތްނޫންކަމަށް ވެސް. އެހެންނަމަވެސް އަޅުގަނޑުމެން އިސްކުރަންވާނީ ގައުމީ މަސްލަހަތު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގައުމީ މަސްލަހަތު އިސްކުރުމުން ނިކުންނަ ނަތީޖާ ރަނގަޅުވާނެކަމަށެވެ.
'ހިތްހަމަނުޖެހޭ ކަމެއްގެ ޖަޒުބާތުގައި ޖެހި' ވޯޓު ނުބައިކޮށް ލުމަކީކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ފިއްލަދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ރަށާ ޖެހިގެން އޮތް ދައްޕަރުގައި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން ސަރުކާރުން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ދައްޕަރުގެ މަޝްރޫއު ދޫކޮށްލީ ކައުންސިލުގެ އެދުމާ އެއްގޮތަށް ރައްޔިތުން އެދޭ ގޮތަށް އެ ކަން ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ރައްޔިތުންނަށް ފައިދާވާހެން ދައްޕަރު ތަރައްގީކުރުމުގެ މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި:
- ފުޓުބޯޅަ ދަނޑެއް
- ސްކޫލު ކްލާސްރޫމުތައް ތަރައްގީކުރުން
- ޒަމާނީ މިސްކިތެއް ތަރައްގީކުރުން
- ޓޫރިޒަމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާ އަޅައިދިނުން
"އަޅުގަނޑު އެދެނީ ފިއްލަދޫ ރައްޔިތުން އަޅުގަނޑުމެން މި ކުރާ ދަތުރުގައި ކުރިއެކޭ އެއްގޮތަށް ބައިވެރިވެ ވަަޑައިގަތުން،" ރައީސް ވިދާޅުވިއެވެ.