ކެސެމީރޯގެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ރޮނާލްޑޯ، މެސީ އަދި ނޭމާ!

މެސީ އާއި ރޮނާލްޑޯ، ސްޕެނިޝް ލަލީގާގެ މެޗެއްގައި -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ, އޭނާއަށް މި ޖީލުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވޭ ކުޅުންތެރިން ހޮވައިފިއެވެ.

ރެއާލް މެޑްރިޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކަސެމީރޯއަކީ މި ޖީލުގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ރެއާލްގައި ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫސް އަދި ކަސެމީރޯ ފާހަގަކޮށްލެވިފައިވަނީ އެންމެ ކާމިޔާބު މިޑްފީލްޑް ލައިންގެ ގޮތުގައެވެ. ކަސެމީރޯ ވަނީ ރެއާލާއެކު ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ކަސެމީރޯ ވަނީ އޭނާގެ ޖީލުގެ އެންމެ މޮޅު ތިން ކުޅުންތެރިންނާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އެ ލިސްޓުގައި އޭނާ ވަނީ ވާދަވެރި ބާސެލޯނާއަށް ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވެސް ހިމަނައިފައެވެ.

"މެސީ އެވަނީ އޭނާގެ ނަން ފަވާލާފައި، އެކަމާ ދެބަސްވެވޭކަށް ނޯންނާނެ. އޭނާއަކީ އަބަދުވެސް އަހަރެންގެ ވާދަވެރިއެއް، ބާސެލޯނާ އަދި އާޖެންޓީނާގައި ވެސް. އޭނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އުފަލެއް. އަހަރެންގެ ޖީލުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ، މެސީ އަދި ނޭމާ،" 'ޕްލަކާ' މެގަޒިނަށް ދިން އިންޓަވިއުއެއްގައި ކަސެމީރޯ ބުންޏެވެ.

ބްރެޒިލް ތަރި ނޭމާ އާއި މިޑްފީލްޑަރު ކަސެމީރޯ -- ފޮޓޯ/ ގެޓީ

ކަސެމީރޯ ބުނީ އޭނާއަށް ބްރެޒިލް ލެޖެންޑް ރޮނާލްޑޯ އާއި ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާންގެ މޮޅު ކުޅުން ވެސް ފެނިފައިވާ ކަމަށާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ކުޅެން ނުޖެހުމަކީ ލިބޭ ނަސީބެއް ކަމަށެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އޭނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެއްކަން ވެސް ކަސެމީރޯ ފާހަގަކުރިއެވެ.

ކަސެމީރޯގެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ރޮނާލްޑޯ މިހާރު ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދާ އިރު، މެސީ ކުޅެމުންދަނީ އެމެރިކާގެ އިންޓަ މަޔާމީއަށެވެ. އަދި ޕީއެސްޖީއަށް ކުޅެމުންދާ ނޭމާ، ޕެރިސް ސެއިންޓް ޖާމައިންގެ ހޭދަކުރަމުންދަނީ އުނދަގޫ ދުވަސްތަކެކެވެ.

comment ކޮމެންޓް