ށ. އަތޮޅުގައި ކުރެއްވި ކެމްޕޭނަށްފަހު ރައީސް އިބްރާހިމް މުޙައްމަަދު ޞާލިޙު މިއަދު ކެމްޕޭން ފެއްޓެވީ ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅުކުރެއްވުމަށެވެ.
މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ މަނިކުފާނު ވަޑައިގަތީ ހއ. ބާރަށަށެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ޓަކައި އެތުރިފައިވާ ދިގު ސަފުތަކުން އެ މަނިކުފާނު ފަހަރަކު ރައްޔިތަކާ ސަލާންކުރައްވަމުން ކުރިއަށް ވަޑައިގަތެވެ. ސަފުގެ ވަކި ހިސާބަކުން ރަތް ލިބާހުގައި ހުރި ކުޑަކުއްޖަކު، ރައީސް ވަޑައިގަތުމާއެކު ސިޓީއެއް ކިޔައިދޭން ފެށިއެވެ.
އެއީ އެ ކުއްޖާ ރައީސާ ބައްދަލުކޮށް ދޭން ބޭނުންވި މެސެޖެވެ. އެ ސިޓީގައި ހުރި ވާހަކަތައް އައިޝަތު މިޝްޔާ ކިޔައިދޭން ފެށުމާއެކު ރައީސް އެ ވާހަކަތައް އަޑު އައްސަވަން މަޑުކުރެއްވިއެވެ.
މި ރަށުން 'ލޯތްބާއެކު މިޝްޔާ' ރައީސަށް ލިޔެދިން ސިޓީގައިވަނީ ސަރުކާރުގެ ނާސްތާ ޕްރޮގްރާމާއެކު އޭނާއަށް ކުރެވުނު އިހުސާސްގެ ވާހަކަތަކެވެ.
"އަޅުގަނޑު ވަރަށް އުފާވޭ ނާސްތާ ދިނީމާ. ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިރު ޕެކެޓު ބޮނީ. ވަރަށް މީރު! ޝުކުރިއްޔާ. އަޅުގަނޑު ގްރޭޑް2 އަށް ދިޔައިމަ ވެސް ނާސްތާ ލިބޭނެތަ؟ އަޅުގަނޑު ވަރަށް ބޭނުން،" މިޝްކާގެ ސިޓީގައި ކިޔައިދިނެވެ.
މިއީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ފެށި ނާސްތާ ޕްރޮގްރާމްގެ ސަބަބުން ލިބުނު ހެޔޮ ބަދަލާ ގުޅޭގޮތުން މިޝްކާގެ ޝުއޫރުތަކެވެ.
ބާރަށަށް ދެވަނަ ދައުރެއްގައި ގިނަ ކަންތައްތަކެއް!
މި ރަށުގެ ރައްޔިތުންނާ އަޅުގަނޑު ވެސް ވާހަކަދައްކައިލީމެވެ. އެކި ފިކުރުތަކުގެ ވިސްނުންތަކާއި، އެކި އުމުރުފުރައިގެ މީހުންނާ ވާހަކަ ދައްކައިލެވުނެވެ. ކޮންމެ މީހަކު ވެސް އެއްބަސްވާ އެއް ކަމަކީ އިދިކޮޅު ފިކުރުގެ މީހުން ގިނަ ނަމަވެސް، މިއީ އެމްޑީޕީ ކޯލިޝަނަކަށް މަރުހަބާ ކިޔަން މި ރަށުން މީހުން މިހާ ގިނައިން ނުކުތް ފުރަތަމަ ފަހަރު ކަމަށެވެ.
ޚުދު ރައީސަށް ވެސް މި ބަދަލު ފާހަގަކުރެވުނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބާރަށުގެ މެޖޯރިޓީ ޔަގީންވާ ސަބަބެކެވެ.
"މިއަދު އަޅުގަނޑަށް ފައިބައިގެން އައިއިރު ފެނުނު މަންޒަރަކީ, 2018 އެއީ އަޅުގަނޑުމެން ކޯލިޝަނަކާއެކީގައި ފެށި ފުރަތަމަ ދަތުރު. އެއަށްވުރެ ގިނަ ރައްޔިތުން މިއަދު ނުކުމެ އަޅުގަނޑުމެންނަށް މަރުހަބާ ކިއީ. އަޅުގަނޑަށް އޭގެން ސާފުވެގެން ދިޔަ ކަމަކީ ބާރަށު ރައްޔިތުން މިއަދު މި ތިބީ އަޅުގަނޑުމެން މި ގެންނަ ތަރައްގީއާއެކު ކުރިއަށްދާނެ ތައްޔާރަށްކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި މި ރަށަށް:
- ނަރުދަމާގެ މަސައްކަތް ނިންމައިދޭނެކަމަށް
- ސްކޫލުގައި މަލްޓިޕާޕަސް ހޯލާއި އޮފީސް އިމާރާތް އަޅައިދޭނެކަމަށް
- ރޯހައުސްއާއި ފްލެޓު އަޅައިދޭނެކަަމަށް
- ރިންގް ރޯޑާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެކަމަށް