އަމީނީ މަގުގެ އެންމެ ބާރު ބޮޑު ސަރަހައްދު ކަމަށްވާ ލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ހުންނަ ސަރަހައްދުން ޣިޔާސުއްދީން ސްކޫލާ ހިސާބަށް ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ.
އާރްޑީސީގެ މީޑިއާ އޮފިޝަލު، އަހުމަދު ފައިރޫޒު މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލެވޭތޯއެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު އާރްޑީސީގެ އަމާޒަކަށް ވެފައިވަނީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ޣިޔާސުއްދީން ސްކޫލާ ހިސާބަށް ތާރުއަޅައި ނިންމާލުމަށެވެ. ފައިރޫޒް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ ކުރިން މި ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތާރު އެޅުމުގެ މަސައްކަތް ލަސްވީ ވިއްސާރައާ ގުޅިގެން ކަމަށް ވެސް ފައިރޫޒު ފާހަގަކުރެއްވިއެވެ.
މޫސުންތަން ދޭ ނަމަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި ސުކޫލުތަކުގެ ކިޔެވުން ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަމީނީ މަގުގެ އެއްވަނަ ސެގްމެންޓުން ފެށިގެން ހަތްވަނަ ސެގްމެންޓާ ހަމައަށް ތާރުއަޅައި ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.