ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ބިރު ދެއްކި މީހަކު މިރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށް، އީވާއަށް ބިރު ދެއްކި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައި ވަނީ މިރޭ 22:34 ހާއިރު ކަމަށެވެ.

"ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުން ކޮށްގެން އީވާ އަބްދުﷲއަށް ބިރު ދައްކާ މައްސަލައިގައި، ތުހުމަތު ކުރެވޭ މީހަކު މިރޭ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އީވާގެ ދަރިފުޅުގެ ނަމުގައި ފޭކު ޓުވިޓާ އެކައުންޓެއް ހަދައިގެން، އޭނާއަށް ފުރައްސާރަ ކުރާ މައްސަލައިން ފެންމަތިވީ މި ފަހުންނެވެ.

އެ އެކައުންޓުން ވަނީ އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުން ކޮށްގެން އޭނާއަށް ބިރުދައްކައި، އަދި ފުރައްސާރަ ކޮށްފައެވެ.

މި ކަމާ ގުޅިގެން އީވާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް