މީގެ ކުރީގެ ސަރުކާރުތަކުގައި ކުދި އާބާދީތަކަށް އަސާސީ ޚިދުމަތްތަކާއި އެ ނޫން ވެސް ތަރައްގީގެ މަޝްރޫތައް ގެނެސްނުދީ ބާކީ ކޮށްފައި އޮތީ ސިޔާސީ މަންފާއަށް ޓަކައި ކަމަށާއި މި ސަރުކާރުން މަސައްކަތްކުރީ އެ ސަގާފަތް ބަދަލުކުރުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ފީވަކަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފީވަކަކީ ވެސް ކުރީގެ ސަރުކާރުތަކުން އަޅައިނުލައި ދޫކޮށްލައިފައި އޮތް ރަށެއްކަމަށެވެ.
އާބާދީ މަދު ރަށްތައް ދޫކުރަނީ ސިޔާސީ މަންފާއަށް ބެލުމަށްފަހުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށްރަށަށް ވާ މަދު ވައުދުތައް ވެސް ނުފުއްދޭކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގައި އަޅުގަނޑުމެންގެ އަމާޒަކަށް މި ކަންކަން ބަދަލުކުރަން. ދިވެހި ރައްޔިތަކަށް ކޮންމެ ތަނަކު އުޅުނަސް ލިބެންޖެހޭ ޚިދުމަތްތައް އެއީ ސަރުކާރަކުން ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ހެދިން،" ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ އެމްޑީޕީގެ ސަރުކާރުގައި އެއްވެސް މަޝްރޫއެއް ނުހިންގުނު އިރު ކުރީގެ ޕީޕީއެމް ސަރުކާރުން މި ރަށުގައި ހިންގީ އެންމެ ދެ މަޝްރޫއު ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ މި ސަރުކާރުން ފީވަކުގައި އަސާސީ މުހިންމު ޚިދުމަތްތަކުގެ މަސައްކަތް ކުރަން ޖެހުނު ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން މި ރަށަށް އަމާޒުކޮށް މި ދައުުރުގެ ތެރޭގައި ކޮވިޑުގެ ދުވަސްވަރު ލައިގެން ވިޔަސް ވެސް 11 މަޝްރޫއެއް ހިންގުނު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައި:
- ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން
- ރަށްގިރާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓު ޖެހުން
- ޒުވާނުންނަށް ޖިމަކާއި ވޮލީކޯޓެއް
- ފީވަކު ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުން