މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބުނީ ސިއްހީ ނަޒަރަކުން ބެލުމުން: ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް / ފޮޓޯ: ހެލްތު މިނިސްޓްރީ

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބުނީ އެފަދަ މައްސަލަތައް ސިއްހީ ނަޒަރިއްޔާތަކުން ދެކިގެން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަރް ކުރާ ދުވަހުގެ ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިސަރުކާރު ފެށުނު އިރު ނިކަމެތިވެފައި އޮތް ދާއިރާ ނަގާ ކޮޅަށް ޖަހައި ދުރު މުސްތަގްބަލަށް ރޭވުންތައް ރާވާ، އަސްލު މައްސަލައިގެ ހައްލު ހޯދުމަށް އެތައް ގޮތަކަށް ބަލަން މިހާރު ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ މެދު ސިއްހީ ނަޒަރިއްޔާތަކުން ދެކި، ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭގެ މަސައްކަތްތައް ބަދަލު ކުރީ 5 މެއި 2021 ގައެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ޞާލީޙް ނިންމެވި މުހިންމު ނިންމުންތަކުގެ ނަތީޖާ ކަމަށާއި، އެއީ ދުނިޔޭގެ މަގުން ހިނގުމަށް ފުރަތަމަ އެޅި ފިޔަވަޅު ކަމަށެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ މިއަދު މިދެކޭ ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކަންކަން ތަރުތީބު ކުރެވިއްޖެ. ކުރިއަށް ކުރަންހުރި ކަންކަން ދެނެގަނެވިއްޖެ. މިހާރު ކުރިއަށް މިދަނީ، ތަންފީޒީ މަރުހަލާ. އުއްމީދުން ފުރިގެންވާ ދުވަސްތައް އަޅުގަނޑުމެނާއި އަރާ ހަމަކުރާ ވަގުތު މާތް ﷲ ގެ އިރާދަ ފުޅާއެއެކު ވަރަށް ގާތްވެއްޖެ. މިކަމުގައި މުޖްތަމައު ދެކޭ ގޮތް ބަދަލުވާތަން އަޅުގަނޑުމެނަށް އެބަ ފެނޭ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މި މަސައްކަތްތައް ކުރިއަށް ގެންދެވިއްޖެ ނަމަ އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން ފަރުވާ އަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތެރޭ ސިއްހީ ހިދުމަތްދޭ ތަންތަނުން ވީހާވެސް ފުޅާދާއިރާއެއްގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ފޯރުކޮށްދިނުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ހދ. ކުޅުދުއްފުށީގައި މިހާރު ފަށާފައިވާ ކަމަށެވެ.

އަދި ދެން އޮތީ ވަކި ރަށެއް ތަފާތު ނުކޮށް ޚިދުމަތުގެ ބޭނުން އޮތް ހުރިހާ ސަރަޙައްދެއްގައި މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

އެހީތެރިކަމަށް އެދި، ދާނެ ތަނެއް ނެތި، އަޅާލާނެ މީހަކު ނެތި މާޔޫސް ކަންމަތީ ތިބި އެންމެނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އުއްމީދު ނަގާ ނުލާށޭ! ސަރުކާރުން ތިޔަ އެންމެނަށް ފަރުވާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު މިވަނީ ފެށިފައޭ. މިސަރުކާރުން އެކަކުވެސް. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، އަންހެނުންނަށް ހާއްސަކުރެވިގެން ދެވޭ ފަރުވާއަށް ގެނައި ބަދަލާއި ޖަލުގައި ފެއްޓި ފަރުވާއިން، މީހުން ޖަލުން ނިކުމެ، މުޖްމަޢުގައި މިއަދު ތިބީ ހަރުދަނާ ދިރިއުޅުމެއް ގައި ކަމަށެވެ.

އަދި، އެތައް ބައިވަރު ދިރާސާތަކަކާއި، އިދާރީ ތަރުތީބެއްގެ ތެރެއިން އެކުލަވާލެވުނު މިނެކިރޭނެ އުސޫލްތަކުގެ ސަބަބުން ތަނުގެ ހިންގުން ހަރުދަނާވެ، ބޭކާރު ޚަރަދުތައް ކުޑަކުރެވި، އޮތް އެއްޗެއްގެ ބޭނުން ކޮށްގެން މާ ފުރިހަމަ މަސައްކަތެއް ކުރެވޭނެ ގޮތްތަކަށް ބަދަލުކުރެވިއްޖެ ކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް