ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ދަރަނިތައް ދައްކާ ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި މިލަންދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރު ތަރައްގީގެ މަޝްރޫއުތައް ގެންދެވުނީ ހަމަޖެހުން ގާއިމުވެފައި އޮތުމުން ކަމަށެވެ. އަދި، ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، މިހާރު ހުރި ދަރަނިތައް ވެސް ދައްކާ ނިންމަވާނެ ކަމަށެވެ.
"މި ބޮޑު ބަދަލު އަޅުގަނޑުމެންނަށް މި ގެނެވެނީ ކީއްވެގެންތޯ. އެއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމަކީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ހެޔޮ ބަދަލުގެ މައިގަނޑު ސަބަބަކީ މި ފަސް އަހަރުގެ ދައުރުގައި ހަމަނުޖެހުން ހުއްޓާލައި، ހަމަޖެހުމާ އެކު ތަރައްގީ ހޯދަން މަސައްކަތް ކުރެވުނީމައި ކަމަށެވެ.
"މި ފަސް އަހަރު ނިމިގެން މިދަނީ އެއްވެސް މީހަކު ސިޔާސީ ބޭނުމަކު ހައްޔަރެއް ނުކުރޭ، ނޫސްވެރިއަކު ޖަލަކަށް ނުޅާ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާކަށް ނުޖެހޭ. އެހެންނަމަވެސް ތަރައްގީގެ މަޝްރޫތައް މި ދަނީ ބާރަށް،" ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު، ދެވަނަ ދައުރެއްގެ އަމާޒަކީ މުޅި ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލު އައިސް، އިގްތިޞާދު ދެގުނަ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން 2018ގައި ވެރިކަމާ ހަވާލުވިއިރު 81 ބިލިއަން ރުފިޔާގައި އޮތް ރާއްޖޭގެ އިގްތިޞާދު މި ދައުރު ނިމޭއިރު 108 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށެވެ.
ލޯނު ނަގަނީ ތަރައްގީގެ ބޮޑެތި އިންވެސްޓްމަންޓުތަކަށް ކަމަށާއި 2026 ވަނަ އަހަރު ރާއްޖޭން ނަގައިފައި ހުރި ލޯނުތައް ދެއްކޭ މިންވަރަށް ފައިިސާ ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ
"2026 ވަނަ އަހަރުގެ ފަހުން ދިވެހި ދައުލަތުގައި ހުންނާނެ ފައިސާ ލޯނު ދައްކާނެ ވަރަށް. އަޅުގަނޑުގެ ދެވަނަ ދައުރުގައި އިރާދަކުރެއްވިއްޔާ ނިމިގެންދާނީ މި ދެންނެވި ލޯނު ދައްކަން ދެން އަންނަ ސަރުކާރަކަށް ނުޖައްސައި،" ރައީސް ވިދާޅުވިއެވެ.
އިގްތިޞާދެއް ހިނގަނީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުދަލާއި މީހުން ދަތުރުކޮށް އެ ނިޒާމު ވަރުގަދަވާ މިންވަރަކުންކަަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ކުރީ އެ މަސައްކަތް ކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ތަރައްގީގެ ޕްރޮޖެކްޓު 2025އަށް ނިމުމާ އެކު ހަތް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ މަގުފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ގެންނަ ބޮޑު ބަދަލަކީ ކުރިން ވެސް މި ދެންނެވިހެން އިގްތިޞާދު ވަށައިޖެހޭ ގޮތަށް ގެންނަ ބަދަލެއް. ރާއްޖޭގެ އިގްތިޞާދު ދެގުނަ ވާނޭ މި ބުނާ ވާހަކައަކީ މީ ލިޔެކިޔުމުން ފެންނަން ހުރި ކަންކަން،" ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ށ. އަތޮޅުގެ ރަށްތަކުން ފެންނަނީ ރާއްޖެއަށް އަންނަ ހެޔޮ ބަދަލު ކަމަށެވެ. އަދި، އެ ހެޔޮ ބަދަލު މި އަތޮޅުން ބަލައިގަންނަކަން ޔަގީންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން އެ މަނިކުފާނު މި އަތޮޅު ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ފެނުނީ މި މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާ އެކު ބޮޑުތިލަދުންމަތިން ފެންނަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުގެ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ހަމައެކަނި ށ. އަތޮޅުން ވެސް އެ ކަން ހާމަވާ ކަމަށެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުން ނުހިންގިހައި ގިނަ މަޝްރޫއު މި ދައުރުގައި ހިންގުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގޮތް ނިންމާނީ ތިޔަ ބޭފުޅުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި:
- މިލަންދޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމަށް
- ކުނި މެނޭޖުކުރުމުގެ ޒަމާނީ ވަސީލަތްތަްް ގާއިމްކުރާނެކަމަށް
- ހައުސިން ޔުނިޓާއި ފްލެޓު އަޅާނެކަމަށް
- ބިން އިތުރުކުރުމަށް، ޗަކަ ބިން ހިއްކައި ރިވެޓްމަންޓް ޖަހާނެކަމަށް
- ކުރެވޭވަރު ކަމެއްނަމަ އެއާޕޯޓެއް އެޅުން