ވާދަވެރިންގެ މެނިފެސްޓޯތަކުގައި ހިމަނައިފައި ހުރި ބައެއް ސިޔާސަތުތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ފާޑު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅަށް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި މާއުނގޫދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ކެމްޕޭނަށް ވަޑައިގެންފައިވާ ބައެއް ރަށްރަށަށް ވާދަވެެރި ބައެއް ކެންޑިޑޭޓުންގެ ޓީމުތަކުން އަރައި ވަމުން އަންނަ ވައުދުތަކުގެ ތެރޭގައި މި ސަރުކާރުން މާ ކުރިން ކުރަން ފަށައިފައި ހުރި ކަންކަން ވެސް ހިމެނޭ ކަމަށެވެ.
"ބައެއް ކެންޑިޑޭޓުން އައިސް ވައުދުވާނެ. ބައެއް ކުރިމަތިލާން ނިންމައިފައި ތިބި ބައެއް ކެންޑިޑޭޓުން ވަޑައިގެން ވިދާޅުވާ ބައެއް ވާހަކަ އެބަހުރި. ކޮންމެ ވެސް އެއް ރަށަކަށް ގޮސް ވިދާޅުވި ތިމަންނަމެންގެ ވެރިކަމުގައި 1،200 މީޓަރުގެ އެއާޕޯޓެއް އަޅާނާމޭ. ބުނިި އިރުގައި މި ސަރުކާރުން އެ ރަށުގައި 1،500 މީޓަރުގެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުން ދަނީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްވަނީ މޯގޭޖް ކުރަން ނުޖެހި އެސްއެމްއީ ލޯނު ދޭނެ ސިޔާސަތެއް އެކުލަވައިލުމުގައި އެހެން ކެންޑިޑޭޓެއްގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ. ރައިސް ވިދާޅުވީ އެއީ ސަރުކާރުން މިހާރު ވެސް ދެމުން އަންނަ ލޯނެއް ކަމަށާއި އެ ކަމަށް ހުށަހަޅަން ޖެހެނީ މޮޅު ޕްރޮޕޯސަލެއް ކަމަަށެވެ.
މާއުނގޫދޫ ބަނދަރު ސަރަހައްދުގައި ވަނީ އެކި ކުލަކުލައިގެ ދިދަ ފަތި ޖަހައިފައެވެ. އޭގެ ތެރޭގައި ރީނދޫ ކުލައިންނާއި، އެމްޑީއޭގެ އޮރެންޖު ކުލައިގެ އިތުރުން، ފިޔާތޮށި ކުލައިގެ ދިދައާއި ބެނާ ވެސް ހަރުކޮށްފައި ހުއްޓެވެ.
އެ ކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އިންތިޚާބުގައި ވާދަކުރާނަމަ މިހާ ހިސާބަށް އަންނައިރު އެ ބަައެއްގެ ކެމްޕޭންގެ ހަރަކާތްތައް ފެންނަން ވާނެ ކަމަށެެވެ. ޕީޕީއެމުން ކުރާ ކެމްޕޭންގެ މަންޒަރުތައް މާއުނގޫދޫއިން ފެންނަކަން ފާހަގަކުރައްވައި ރައީސް ވަނީ މި ރަށު ޕީޕީއެމް މެންބަރުންނަށް ޝުކުރު އަދައިކުރައްވައިފައެވެ.
ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު ރައްޔިތުން ދެއްކި ވާހަކައާއި މިހާރުގެ ފަސް އަހަރު ނިމޭއިރު ތަރައްގީއާ އެކު ކުރިއަށް ދިއުމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ މި ފަހަރު މި ރަށުން ވެސް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ބޮޑު ތަނުން ވޯޓު ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މާއުނގޫދޫގައި ސަރުކާރުގެ މަސައްކަތްތައް ފެށިފައިވީ ނަމަވެސް ބައެއް މަސައްކަތްތަކުގެ ދުވެލި ލަސް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެގޮތުން ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް އަދިވެސް ނުނިމި އޮތް އޮތުން ހައްލުކޮށްދެއްވާނެކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެން އަންނަ ދައުރެއްގައި މާއުނގޫދޫގައި ކުރާނެ ކަންކަން:
- ރަށުގެ ބޮޑެތި މަގުތައް ހެދުން
- ސްކޫލްގެ ކްލާސްރޫމުތައް އެޅުން
- ހޮސްޕިޓަލްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން
- ޒަމާނީ މިސްކިތެއް އެޅުން