ކަންބޮޑުވުން ފާޅުކޮށް ބަޔާންނެރުނަސް، ޖަނާޒާގައި ބައިވެރިވާން ޔާމީން އެދިފައެއް ނުވޭ: ކަރެކްޝަންސް

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ: -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާނުގެ ފަރާތުން އެދިވަޑައިގަންނަވާފައިނުވާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

މިއަދު ހެނދުނު ސްރީލަންކާގައި އަވަހާރަވި، ރައީސް ޔާމީންގެ މަންމާފުޅު، ފާތިމަތު ހަސަންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ލަންކާގައެވެ. އެކަމަނާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމުން ނެރުނު ތައުޒިޔާގެ ބަޔާނުގައި ވަނީ ޔާމީނަށް އެ ޖަނާޒާގައި ބައިވެރި ނުވެވުމަކީ ހިތާމައެއް ކަމަށް ބުނެފައެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަންމާފުޅު އަވަހާރަވީ އިރު، އެމަނިކުފާނު މި ސަރުކާރުގައި އަނިޔާވެރިކަމުގައި ހައްގު ނޫން ޖަލު ހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުމާއި، އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެކެވެ." އެ ބަޔާނުގައި ވެއެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ މިޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޖަނާޒާގައި ބައިވެރިވުމަށް ޔާމީންގެ ފަރާތުން އެއްވެސް ގޮތަކަށް އެދިވަޑައިގަންފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ޔާމީންގެ ވަކީލުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޔާމީންގެ މަންމާފުޅު މިއަދު އަވަހާރަވީއިރު، އުމުރުފުޅަކީ 86 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހުގައެވެ.

comment ކޮމެންޓް