ކޮންޓްރެކްޓް ނިމުމަކަށް އައުމުގެ ކުރިން ބްރެޒިލްގެ ގްރެމިއޯ ދޫކޮށްލާކަން އިއުލާންކޮށް، އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިންޓަ މަޔާމީއާ ގުޅެން ނިންމާފައިވާ ވާހަކަތައް އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ދޮގުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސުއަރޭޒް، ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގްރެމިއޯއާ ގުޅުނު ނަމަވެސް، މިހާރު އޭނާ ވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮންޓްރެކްޓް ނިމުމަކަށް ގެންނާނެކަން އިއުލާންކޮށްފައެވެ.
"ޓީމުން ބޭނުންވާ ޑިމާންޑާ އެއްވަރަށް ކުޅުމަށް އަންނަ އަހަރު އަހަރެންގެ ފިޓްނަސް ރަނގަޅު ނުވާނެ ކަމަށް ގަބޫލުކުރެވޭތީ، ގްރެމިއޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުގެ އެއް އަހަރު ކުރިން އެ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން އަހަރެން ވާނީ ކްލަބާ ވާހަކަދައްކާފައި. ކްލަބުން ވެސް އެކަން ވަނީ ގަބޫލުކޮށްފައި. އަދި އެކަމަށް ޝުކުރު އަދާކުރަން. އަހަރެންނަކަށް ނޭނގޭ އިތުރު ކްލަބަކުން ދެން ފެނިދާނެ ކަމަކަށް. އަހަރެންގެ އުމުރުން މިހާރު 37 އަހަރު. އަދި ކަކުލުގެ އަނިޔާތައް ވެސް އެބަހުރި،" ސުއަރޭޒް ބުންޏެވެ.
ބާސެލޯނާގައި އެކުގައި ކުޅުނު މެސީ އާއި ސާޖިއޯ ބުސްކެޓްސްއާއެކު އަލުން ކުޅުމަށް އިންޓަ މަޔާމީއަށް ސޮއިކުރުމަށް ސުއަރޭޒް ނިންމާފައިވާ ކަމަށްބުނެ ދާދިފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ވާހަކަތައް ސުއަރޭޒް ވަނީ ދޮގުކޮށްފައެވެ.
"އަހަރެންނަށް އެނގޭ އިންޓަ މަޔާމީން ގްރެމިއޯއާ ވާހަކަދެއްކިކަން. އެކަމަކު ގްރެމިއޯ އިން ވަނީ އަހަރެންނާއެކު ކޮންޓްރެކްޓެއް އޮތްކަން އިންޓަ މަޔާމީއަށް އަންގާފައި. އަހަރެންނާ އިންޓަ މަޔާމީން ވާހަކަދައްކައިފައެއް ނުވޭ،" އޭނާ ބުންޏެވެ.
އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ އަންނަ ސީޒަނުގައި އިންޓަ މަޔާމީން ސުއަރޭޒް ފެނުމުގެ ފުރުސަތު އޮތް ނަމަވެސް، ކަކުލުގެ އަނިޔާ ގޯސް ނަމަ، އެ ޓްރާންސްފާއަށް ނިމުމެއް އައިސްދާނެ ކަމަށް ބެލެވެއެވެ.