އެމްއޭސީއެލްގެ ރޮބޮޓްތަކަށް އެންމެންގެ ތައުރީފް، މިއީ ކިހާ ދުވަހެއްގެ މަސައްކަތެއް؟

ފުޅަނދު ބުރަށް އެމްއޭސީއެލް އިން ތައްޔާރު ކުރި ރޮބޮޓްތައް

ރާއްޖޭގެ 58ވަނަ މިނިވަން ދުވަހާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ފުޅަނދު ބުރުގައި އެންމެންގެ ޝައުގުވެރިކަން ހޯދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައްކާލި ރޮބޮޓް ތަކެވެ.

ފުޅަނދު ބުރުގެ ތެރެއިން މި ރޮބޮޓްތައް ކުޑަ ކުދިންނާ ދިމާލަށް ހަނާއަޅާ ނެށި އިރު، އެ ވަގުތު ވެސް އެ ރޮބޮޓްތަކާ އެކު ފޮޓޯ ނަގަން އެތައް ކުދިންނެއް ބޭނުންވިއެވެ. މި ރޮބޮޓްތައް ސޯޝަލް މީޑިއާއިން ވެސް ޖާގަ ހޯދިއެވެ.

މި ރޮބޮޓްތައް ތައްޔާރު ކުރުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި މަސައްކަތް ހިއްސާ ކުރައްވަމުން އެ ކުންފުނީގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ފާރިޝް އަބްދުﷲ ވިދާޅުވީ މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން ފުޅަނދު ބުރުގައި އެމްއޭސީއެލްގެ ފަރާތުން ދެއްކި ހުރިހާ އެއްޗެއް ވެސް ތައްޔާރު ކުރީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންކަމަށް ފާރިޝް ވިދާޅުވިއެވެ.

މި ރޮބޮޓްތަކުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. ފާރިޝް ބުނި ގޮތުގައި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ވަގުތުގެ ދަތިކަމެވެ.

"މެކޭނިކަލް ކަންކަމާ ޑިޒައިނިންއާ ޓެކްނޮލޮޖީގެ ވަރަށް ބައިވަރު ކަންތައްތަކެއް މީގަ އިންވޯލްވް ވޭ. އެހެންވީމަ އެންމެ ފުރިހަމަކޮށް ހުށަހަޅައިދިނުމަށް އަލުގަނޑުމެނަށް ލިބުނު ވަގުތުގެ ދަތިކަން އެންމެން ވެސް ފަހަގަކުރީ،" ފާރިޝް ވިދާޅުވިއެވެ.

ނަމަވެސް، ވަގުތުގެ ދަތިކަމާ އެކު ވެސް މުވައްޒަފުންގެ ބުރަ މަސައްކަތުން ކުންފުނިން ބޭނުންވި ފަދަ އުފެއްދުމެއް ދައްކާލެވުންކަމަށް އޭނާ ވިދާޅުވިއެވެ.

"27 ވަނަ ދުވަހަށް އަޅުގަނޑުމެން ބޭނުންވި ފެންވަރުގަ ހަމަ ނިންމާލެވުން،" ފާރިޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންގެ ފަރާތުން މި ރޮބޮޓްތަކަށް ޚާއްސަ ސަޕޯޓެއް ލިބުނު ކަމަށެވެ. އަދި މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން އުފާ ކާނިވަލުގައި ވެސް ވަރަށް ގިނަ އަދަދެއްގެ ކުދިން ރޮބޮޓްތަކާ އެކު ފޮޓޯނަގާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ނިމުމުން އެކިއެކި ހަރަކާތްތަކަށް މި ރޮބޮޓްތައް ކުއްޔަށް ދޫކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ފާރިޝް ވިދާޅުވިއެވެ. ނަމަވެސް އެމްއޭސީއެލްގެ ފުޅަނދުތަކަށް ތައްޔާރު ކުރާ އެއްޗެހި އަބަދުވެސް ސްކޫލު ތަކުގެ އެދުމަށް ދޭކަމަށް އޭނާ ވިދާޅުވިއެވެ.

ފުޅަނދު ބުރުގެ ތައްޔާރީއަށް މުޅި ކުންފުނީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ފާރިޝް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހޯމް މިނިސްޓްރީއާއި ސިފައިންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް