ހުކުމް ތަންފީޒުކުރައްވަން ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ސާޖަރިއެއް ހައްދަވަމުން އަންނަ ކަމަށް އެ މަނިކުފާނު ނިސްބަތްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން އަދީބަށް ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ފުރުސަތު ދިނުމަށް ކަމަށް އެ ސާވިސްއިން ބުނެފައިވެއެވެ.
އެމްޓީޑީން ބުނީ ސިންގަޕޫރުގައި ހެއްދެވި ހެލްތު ޗެކަޕަކަށް ފަހު އަދީބު މިހާރު ސާޖަރީއެއް ހައްދަވަމުން ގެންދަވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް އެކަށީގެންވާ ފަރުވާ ހޯދުމުގެ ފުރުސަތު ދީފައިނުވާކަން ފާހަގަކޮށް އެ ޕާޓީން ބުނީ، އެ މަނިކުފާނުގެ ސިއްހީ ހާލަތު ގޯސްވެފައިވަނީ ފަރުވާ ނުލިބި އެކަހެރިކޮށް ބެހެއްޓުމުގެ ސަބަބުން ކަމަށެވެ.
އަދީބަށް ފަރުވާ ދެމުން އަންނަ ބަލީގެ އަސަރުތައް އެ މަނިކުފާނުގެ ހަށިގަނޑުން ފެނިފައިވަނީ އެ މުއްދަތުގެ ތެރޭގައި ކަމަށް އެ ޕާޓީން މީގެކުރިން ވެސް ބުނެފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ވަނީ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހެއްގައެވެ.
ނަމަވެސް މިހާތަނަށް އައި އިރުވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އަދީބާއި ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެމަނިކުފާނަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އިއްވި އިރު ވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ. އޭއީ، އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަނުން އޭރު ވަނީ ބުނެފައެވެ.
އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ކަރެކްޝަންސް އާއި ފުލުހުންހެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.