އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު އަޙްމަދު ޙުސެއިން (ހަނަފީ) އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގައި މީގެ ކުރިން ހުންނެވި ހަނަފީ އެ ޕާޓީ ދޫކޮށްލެއްވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ވަކިން ވާދަކުރަން ނިންމުމުންނެވެ.
އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ ހަނަފީގެ އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީއަށް ސޮއި ކުރައްވާފައިވާ ކަމަށެވެ. އާ މެންބަރުންގެ ފޯމްތަކާ ހަވާލުވެޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ، ހަނަފީގެ އާއިލާއާއެކު އެމްޑީޕީއަށް ގުޅިވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ
ހަނަފީ އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ހަފުލާގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ހަނަފީ ވިދާޅުވީ އާއިލާއާއެކު އެމްޑީޕީއާ ގުޅުނީ ރައީސް ޞާލިޙަށް މިއަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެެއް ވެސް ކުރުމަށް ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ، ހަނަފީގެ އާއިލާއާއެކު އެމްޑީޕީއަށް ގުޅިވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ
ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކޮވިޑުގެ ދަތިއުނދަގޫ ހާލަތުގައި މުޅި ރާއްޖެ އޮއްވައި ނަމޫނާ މިސާލު ނަންގަވައިގެން މުޅި ގައުމު ހަމައަކަށް އަޅުވާ އަދި ތަރައްގީގެ އެއްވެސް ކަމެއް ހުއްޓުނަ ނުދީ މަސައްކަތް ކުރެއްވުނު ހަމައެކަނި ރައީސަކީ ރައީސް ޞާލިޙް ކަމަށް ވާތީ ކަމަށެވެ.
މީގެ ކުރިން އެކިއެކި އަނިޔާ ލިބެމުން ދިޔަ ވެރިކަންތައް ވެސް އެންމެ ކައިރިން ދުށް އެކަކަކީ އޭނާ ކަމަށް ވިދާޅުވެ ހަނަފީ ފާހަގަކުރެއްވީ އާއިލާގައި ވެސް އެކަހަލަ އެކިއެކި ތަޖުރިބާ ކުރަން ޖެހުނު މީހުން އެބަތިބި ކަމަށެވެ.
"އެހެންވެ، އެ ހުރިހާ ކަމަށް ބަލާފައި އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް ޞާލިޙް ނޫން ވެރިއެއް ނެތޭ ދެވަނަ ދައުރަކަށް ރާއްޖޭގެ ރައީސްކަން ކުރުމަށް،" ހަނަފީ ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ ރާއްޖޭގައި ކޯލިޝަނެއް ދެމެހެއްޓި ހަމައެކަނި ރައީސަކީ ރައީސް ޞާލިޙް ކަމަށާއި އެކަހަލަ ވެރިކަންތައް ވަރަށް ގިނައިން ފެނިފައިވާ ކަމަށެވެ.
"ކޯލިޝަން ހަދައިގެން ވަރަށް ގިނަ ވެރިކަންތައް ކުރެވިއްޖެ. އެކަމަކު ވަކި ހިސާބަކުން ކޯލިޝަން އޮނާ ނުކޮށް ވަޒީފާގައި ތިބޭ މީހުން ވަޒީފާއިން ވަކިކޮށް، މި ހުރިހާ ކަމެއް އަޅުގަނޑަށް ވަނީ އެކްސްޕީރިއަންސް ކުރެވިފަ. ނަމަވެސް ރައީސް ޞާލިޙަކީ ވައުދެއް ވެއްޖެ ނަމަ އެވައުދަށް އޮނާ ކުރާ ބޭފުޅެއް،" ހަނަފީ ވިދާޅުވިއެވެ.
ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ހަނަފީ ވިދާޅުވީ އެމަނިކުފާނަކީ ވެރިކަމުގެ އެންމެ މަތިވެރި ސިފަތައް ލިބިގެންވާ، ރައީސް ކަމުގެ ކޮލިޓީ ހުރި ބޭފުޅެއް ކަމަށެވެ. އަދި އެކަން ދިވެހީންގެ ތެރެއިން ގިނަ ބަޔަކު މިއަދު ގަބޫލު ކުރާ ކަމަށް ހަނަފީ ވިދާޅުވިއެވެ.
"ރައްޔިތުންގެ ތެރެއިން ވިސްނާ ފިކުރު ކުރާ ބަޔަކަށް މިހާރު ޔަގީން ކުރެވޭނެ ކިތަންމެ އުފާވެރި ހާލަތެއްގައި ވެސް ކިތަންމެ ނުތަނަވަސް ހާލަތެއްގައި ވެސް ރައީސް ކަންކަން ނައްގަވާނީ އަބަދުވެސް ގައުމު އިސްކުރައްވައިގެންކަން،" ހަނަފީ ވިދާޅުވިއެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަ ކުރަން ނިންމިކަން އިއުލާން ކުރުމާއެކު، ޖޭޕީގެ ސްލޮޓުގައި މިހާރު ސަރުކާރުގެ މަގާމުތައް ފުރުއްވާ ބައެއް ބޭފުޅުންނާއި ޖޭޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ވަނީ ޖޭޕީ ދޫކޮށް ރައީސް ޞާލިޙަށް ތާއީދުކޮށްފައެވެ.