ހުރިހާ ޓީޗަރުންނަށް މިހާރު ޑިޖިޓަލް ލައިސެންސް ލިބޭނެ

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--

ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ޑިޖިޓަލް ލައިސަންސް މިހާރު ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު އެކުލަވާލީ މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރުގެ އޮގަސްޓު މަހު އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ތެރޭ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓްރީކޮށް، ލައިސެންސް ދޫކުރަން ޖެހެއެވެ.

ސްކޫލްތަކުގެ ކިޔެވުން ފެށުމާ ގާތަށް އައިސްފައި ވާއިރު، މިއަދު ވަނީ ސްކޫލްތަކުގެ ޓީޗަރުން ރަޖިސްޓްރީކުރުމާއި ލައިސެންސް ދޫކުރުމުގެ ގަވައިދު ނެރެފައެވެ.

ޓީޗަރުން ރަޖިސްޓްރީ ކުރުމާއި ލައިސެންސް ދޫކުރުމުގެ ގަވައިދުގެ ދަށުން މި ލައިސެންސް ދޫކުރަނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ތިން ބާވަތެއްގެ ލައިސެންސް ދޫކުރާނެއެވެ. އެބާވަތްތަކަކީ:

  1. ޓީޗިން ލައިސެންސް
  2. ސްކޫލް ލީޑާޝިޕް ލައިސެންސް
  3. ސްކޫލް ޕްރޮފެޝަންސް ލައިސެންސް

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ލައިސެންސް ދޫކުރުމުގައި ޓީޗަރުންނަށް ފަސޭހަކުރުމަށްޓަކައި އެކަމަށް ޚާއްޞަ ޕޯޓަލެއް ހަދާފައިވާނެ ކަމަށެވެ. އަދި ކޮންމެ ޓީޗަރަކުވެސް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމުން ޑިޖިޓަލް ލައިސެންސެއް ލިބިގެންދާނެ ކަމަށާއި، ޑިޖިޓަލް ލައިސެންސް ލިބުމުން އިތުރަށް ލައިސެންސް ކާޑެއް ހޯދަން ނުޖެހޭނެ ކަމަށް އާތިޔާ ވިދާޅުވިއެވެ.

މި ގަވާއިދުގައިވާ ގޮތުގައި ސްކޫލްތަކާއި ސްކޫލްތައް ނޫން ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި، ލެބް އެސިސްޓެންޓުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން ޓީޗަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޓްރެއިނީން ފިޔަވައި އެންމެން ލައިސެންސް ނަގަން ލާޒިމެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީ ޓީޗަރުން ވެސް ހިމެނެއެވެ.

ލައިސެންސް ދިނުމުން އިސްތިސްނާވާ މީހުން އެއީ، ސްކޫލްތަކުގެ ގާނޫނުގަ ބުނެފަ އެބައޮތް ޕްރެކްޓިކަމްއަށް އަންނަ ޓީޗަރުން، ލައިސެންސް އޮތް ޓީޗަރެއްގެ ބެލުމުގެ ދަށުން ސްކޫލަށް ދަރިވަރުންނަށް މައުލޫމާތު ދޭން އަންނަ ފަރާތްތަކާއި، ސްކޫލްގެ އިދާރީ މަސައްކަތް ކުރައްވާ ބޭފުޅުން ލައިސަންސް ހޯއްދަވާކަށް ނުޖެހޭނެ. އެ ބޭފުޅުންނަކީ ކުއްޖަކާ އެކީ އެކަނި މަސައްކަތް ކުރައްވާނެ ބޭފުޅުންނެއް ނޫން. އާތިޔާ ނަސީރު

އާތިޔާ ވިދާޅުވި ގޮތުގައި ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށެވެ. ނަމަވެސް، ދާއިމީ މަގާމުތަކަށް ޝަރުތު ހަމަވާ މީހުން ހުރިހާ ސްކޫލްތަކަކަށް ނުލިބޭތީ ވަގުތީ ގޮތުން ނަގާ ޓީޗަރުންނަށް ދެ އަހަރުގެ ލައިސަންސެއް ދޫކުރާނެއެވެ.

"ރާއްޖޭގެ ސްކޫލްތަކުގައި އެއްކޮށް ޓްރެއިން ވެފަ ތިބި ޓީޗަރުން މަސައްކަތް ކުރާކަށް ނުލިބޭ. އެހެންވީމަ ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކަށް ވެސް ލައިސެންސް ދޭން ޖެހޭ. އެ ފަރާތްތަކަށް ދޫކުރަނީ ވަގުތީ ލައިސެންސެއް. އެއީ ދެ އަހަރު ދުވަހުގެ ލައިސެންސެއް." އާތިޔާ ވިދާޅުވިއެވެ.

ޓީޗަރުން ރަޖިސްޓްރީ ކުރުމާއި ލައިސެންސް ދޫކުރުމުގެ ގަވައިދުގެ ދަށުން، މިނިސްޓްރީގެ ދަށުން ރަޖިސްޓާކޮށްގެން ހިންގާ ޓިއުޝަންދޭ ތަންތަނާއި، ގުރުއާން ކިޔަވައިދޭ ކްލާސްތަކާއި، 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ ތަންތަނުގެ ޓީޗަރުންނަށް ލައިސެންސް ނެގުމަށް ލާޒިމުވާނެއެވެ.

comment ކޮމެންޓް