ގާނޫނީ އިޖުރާތްތައް ފުރިހަމަ ނުކޮށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރު ހައްޔަރުކުރުމަކީ އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމެއް ކަަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
އާމިރު ރޭގެ ވަގުތެއްގައި ގަދަކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ފުލުހުންގެ ދެ މީހަކު އޭނާ ހުއްޓުވާން އުޅޭ މަންޒަރެވެ. އަނިޔާ ނުކުރާށޭ އާމިރު ގޮވާ އަޑު ވެސް އެ ވަގުތު އެ ވީޑިއޯއިން އިވެއެވެ.
މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން މެންބަރަކު ހައްޔަރުކޮށްފި ނަމަ ގަޑިއިރެއް ތެރޭގައި މަޖިލީހަށް އެކަން އަންގަން ޖެހޭނެއެވެ.
މިމައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމުގައި ޢަމަލު ކުރަންޖެހޭ ހަމަތަކެއް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެ ގާނޫނުގައި ބުނާ އިޖުރާތްތައް ފުރިހަމަކުރުމެއް ނެތި، މަގުމަތިން މަޖިލީހުގެ މެންބަރުން ހުއްޓުވާ އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިމްތިޔާޒު ލިބިވަޑައިގެން ތިއްބެވި މަޖިލީހުގެ މެންބަރުންނަށް އަނިޔާކުރުމަށް ސަރުކާރުން ފުލުހުން ފޮނުވާއިރު އާއްމު ރައްޔިތުންނާމެދު އެއަށްވުރެ ދަށު ދަރަޖައިގައި ފުލުހުން މެދުވެރިކޮށް އަނިޔާކުރާ ކަމީ މިހާރު ފެންނަން އޮތް ހަގީގަތެއް،" ބަޔާނުގައިވެއެވެ.
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ފުލުހުންނަށް ގޮވާލަމުން އެ ބަޔާނުގައި އިތުރަށް ވަނީ އާމިރާ މެދު ފުލުހުން ޢަމަލުކުރި ގޮތް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދަށާއި އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފައެވެ.
އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ވެހިކަލް ޗެކިން ޕޮއިންޓަކަށް މަޑުކުރަން ބުނުމުން ވެސް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އާމިރު އެވާހަކަތައް ދޮގުކުރެއްވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އާމިރު ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފު ކުރުމަށްފަހު ދޫކޮށްލީއެވެ. ނަމަވެސް އޭނާ ދުއްވި ސައިކަލް ޓޯ ކުރިއެވެ.