ރާއްޖޭގައި ޑުރަގުގެ ވަބާ ނެތް އެއްވެސް ރަށެއް ނެތް ކަމަށާއި އެއީ ކޮވިޑަށް ވުރެ ބޮޑު ވަބާއެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ޑުރަގު ވިއްކުމުގެ މަސައްކަތް ހުއްޓުވަން އެކަކު މަސައްކަތް ކުރީމާ، ޑުރަގު ވިއްކަން ދެން ހުންނަ މީހާ މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.
އެ މީހުންނާ އެކު ފޮޓޯ ނަގާ އެ ކަމަށް ހިތްވަރު ނުދިނުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ.
"އެ މީހުންނަށް ފައިސާ ލިބޭނެ ގޮތްގޮތަށް ކަންތައް ކުރަންވީކީ ނޫން. އަޅުގަނޑުމެންނަށް ޖެހިފައި އޮތް ކޮވިޑަށްވުރެ ބޮޑު ވަބާއެއް ޑުރަގުގެ ވަބާއަކީ. ދިވެހިރާއްޖޭގަ ރަށެއް ނެތް ޑްރަގްގުގެ ކަންތައް ނެތް ރަށެއް،" ނަސީމް ވިދާޅުވިއެވެ.
މައިންބަފައިން މި ކަމުގައި ޓްރެއިންކޮށް އެ މީހުން މިފަދަ ކަންކަމަށް ހޭލުންތެރި ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ޑުރަގުގެ ތެރެއަށް އަމިއްލަ ދަރިއެއް ވަންނަނަމަ އެކަން ދެނެގަނެވޭނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ ކަމަށް ނަސީމް ވިދާޅުވިއެވެ.
"ކުރީބައިގައި އެނގި އެ މީހުން ސަލަމާތް ކޮށްދޭން އެބަ ޖެހޭ. ރޭގަނޑު 12 ޖަހާއިރު ބައެއް މައިންބަފައިން އަޅުގަނޑަށް ފޯނު ކޮށްފައި، މި ދަންނަވަނީ ތިމަންނަގެ ކުއްޖާ ޑުރަގު ނަގަނިއޭ. އެހެންވީމަ ތިމަންނަ ފުލުހުންނާ މި ހަވާލުކުރަނީއޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބެލެނިވެރިން މިފަދަ ކަންކަމާ މެދު ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާއި އެ ކަމުން ދުރުހެލި ކުރުވަން ހިތްވަރު ދޭ ބަޔަކަށް ބެލެނިވެރިން ވާން ޖެހޭ ކަމުގައެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އެކަހަލަ ޕްރޮގްރާމްތަކެއް ބެލެނިވެރިންނަށް އަމާޒު ކޮށްގެން ހިނގާނަން. މިހާރު އެ ޕްރޮގްރާމްތަކުގެ މައިގަނޑު ބައިތައް އަޅުގަނޑުމެން ހުންނާނީ ތައްޔާރު ކޮށްފައި،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އަންނަ މަހުގެ ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު މަސް ފެށިގެން އަންނައިރު މި މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ 13 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމުގައެވެ.
މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ތަރައްޤީއަކީ ދުޅަހެޔޮ ސިއްހަތު ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއް ނެތީ ކަމުގައި ވާނަމަ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.