ސްކައުންޓުންނާއި ގައިޑުންނަށް ނަސޭހަތާއެކު ރައީސް ދެއްވީ ރަށެއްގެ އުއްމީދު

ދުނިޔޭގެ 25ވަނަ ސްކައުޓް ޖަމްބަރީގައި ރާއްޖެ ތަމްސީލުކުރާ ސްކައުޓުންނާއި ގައިޑުންނާ ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ބޭރުގައި ދިގު މުއްދަތެއް ހޭދަކުރި ނަމަވެސް ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، ރާއްޖެ ފަޚުރުވެރިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ދިވެހި ސްކައުޓުންނާއި ގައިޑުންނަށް ރައީސް އިލްތިމާސްކުރެއްވުމަށްފަހު، ކޭމްޕް ދާނެ ރަށެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ދުނިޔޭގެ 25ވަނަ ސްކައުޓް ޖަމްބަރީގައި ރާއްޖެ ތަމްސީލުކުރާ ސްކައުޓުންނާއި ގައިޑުންނާ ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ ސްކައުޓް ޖަމްބަރީއެއްގައި ބައިވެރިވެވުމަކީ އެތައް މަސްހުނި ސަގާފަތެއްގެ ތެރެއަށް ވަދެވި ތަޖުރިބާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"ޖަމްބަރީގައި ހޭދަވާ ދުވަސްތަކަކީ ގައުމާ ދުރުގައި އާއިލާއާ ވަކިން ހޭދަކުރަންޖެހޭ ދުވަސްތަކެއް. އެހެންނަމަވެސް ތިޔަ ޒުވާނުންގެ ހަނދާނުން ކައްސާލައިގެން ނުވާނެ ކަންތައްތަކެއް ހުންނާނެ. އަދި ތާ އަބަދު ތިމާމެންގެ ކިބައިގައި ހަރުލައްވަންޖެހޭ އާދަތަކާއި ސިފަތަކެއް ވެސް ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

އެ ކަންތައްތަކަކީ ކޮބައިކަން ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ އިސްލާމްދީނުގެ ސައްޙަ ޢަޤީދާގައި މަތީގައި ދެމިހުރެ ދީނީ ވާޖިބުތަކަށް ފަރުވާތެރިވުންކަމަށެވެ.

އަދި ކޮންމެ ހާލަތެއްގައި ވެސް ރާއްޖޭގެ އަގު ދެމެހެއްޓުމަށް ރައީސް އެދިލެއްވިއެވެ.

"ޖަމްބަރީގެ ބައިވެރިންނަށް އެ ކަންކަމުގައި މަގު ދެއްކުމަށް ލީޑަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން. ޖަމްބަރީގައި އުޅޭއިރު ވެސް މި އުޅެނީ ބޭރު ގައުމެއްގައިކަން ހަނދާންކޮށް އެ ގައުމުގެ ހަމަތަކާއި އާދަކާދަތަކަށް އިހްތިރާމްކުރެއްވުމަށް ވެސް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

މިއީ ދިރިއުޅުމުގައި އާއި މި މައިދާނުގައި ގިނަ ފުރުސަތުތަކަކަށް މަގުފަހިވެ، އެތައް ބަޔަކާ އެކުވެރިކަން ބަދަހިކުރުމަށް ލިބޭނެ ފަހި ހަރަކާތެއްކަމަށް ރައީސް ވިދާޅުވިއެވެ.

" މި ޖަމްބަރީއަކީ އެ ފަދަ ގިނަ ކަންތައްތަކެއް ތަޖުރިބާކުރުމަށް ތިޔަ ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތެއް. ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށް ވުމަށް ޓަކައި ޖަމްބަރީގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްވަނީ މި ދައުރުގެ ތެރޭ ސްކައުޓުންނާއި ގައިޑުން ކޭމްޕު ދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ސްކައުޓް ޖަމްބަރީ އޮންނާނީ ދެކުނު ކޮރިއާގައެވެ. 170 އަށްވުރެ ގިނަ ގައުމުން ސްކައުޓް ޖަމްބަރީގައި ބައިވެރިވެއެވެ. މި ޖަމްބަރީގެ ޕްލޭނިން ޓީމުގައި ދިވެއްސަކު ހިމެނެއެވެ. އެއީ ސްކައުޓް ލީޑަރު އަލީ ޝަފާތު މަނިކެވެ.

މި އަހަރަކީ ޖަމްބަރީއަށް ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓެއް ތަމްސީލުކުރާ ފާހަރެވެ. ޖުމްލަ 425 މީހަކު މި ޖަމްބަރީގައި ބައިވެރިވާއިރު އޭގެ ތެރޭގައި 339 ސްކައުޓުން ހިމެނެއެވެ.

comment ކޮމެންޓް