އައްޑޫ ސިޓީ، ހިތަދޫ ގެއެއްގައި ބޭނުން ނުކުރެވޭ ވަރަށް ރޯވެ، އަނދައިފިއެވެ.
އަލިފާން ރޯވީ ހިތަދޫ 'ކުޅިބަލާބޭ' ގޭގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ ފަތިހު 04:10 ހާއިރެވެ.
އަލިފާން ނިއްވައިލެވުނީ ފަތިހު 05:45 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއިރު ގެ އެއްކޮށް އަނދައިފައިވާއިރު ގޭ ތެރޭގައި ހުރި ތަކެތި ވެސް ހުރީ ބޭނުން ނުކުރެވޭ ވަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހިތަދޫ، މޫލުކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު ވިދާޅުވީ އެ ގޭގެ އަސްލު ވެރިން ދިރިއުޅެނީ މާލޭގައި ކަމަށެވެ.

އަލިފާން ރޯވި ގޭގެ އެތެރެ -- ފޮޓޯ/ އެމްއެންޑީއެފް
މި ވަގުތު އެ ގޭގައި އުޅެނީ ކުއްޔަށް އުޅޭ ބައެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭކަމަށެވެ.
އެ ހާދިސާގައި މީހަކު ފިހި އޭނާއަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މިހާރު ކައުންސިލާ ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން އެ ގޭގައި ދިރިއުޅުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.