ސެމްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އިދިކޮޅު ޕީޕީއެމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު، ކެރޮން ރޮސްލާއާ ހިއްސާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު، ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސި ސަފީރާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުން އަންނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުން ޝަރުއީ ދާއިރާއަށާއި މިނިވަން މުއައްސަސާތަކަށް ވެސް ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ސައީދު ވަނީ އެފަދަ ނުރަނގަޅު ސިޔާސީ ކަންތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފައެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބު މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވުމަކީ އެންމެނަށް ވެސް އެކަމުގައި ފައިދާ ބޮޑު ގޮތް ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އޮތް ހުރަހެކެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އިއްޔެއިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެކަމަކު، އެ މުއްދަތުގެ ތެރޭގައި ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނިމޭނެ ކަމުގެ އުންމީދު ވަރަށް ކުޑައެވެ. އެހެންވެ، އިދިކޮޅު ލީޑާޝިޕުން އަންނަނީ ކޮންމެ ދުވަހަކުހެން، ހައިކޯޓަށް ގޮސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަދި، ޔާމީންގެ އިންތިޚާބީ ހައްގަށް އުނިކަން ލިބޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެކަމަކު، އެ މައްސަލަ އިއްޔެ ވަނީ އެ ކޯޓުން ބޭރު ކޮށްލައިފައެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ބޭރުކޮށްލަން ރަޖިސްޓަރާ ނިންމެވި ނަމަވެސް އެ މައްސަލަ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރުމުގެ ހައްގު ވެސް އޮންނާނެއެވެ.