ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ދެއްވި ފަރީއްކޮޅެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ބައިވެރިވި ކަމަށް ބުނެ ކުރީ ދޮގު ތުހުމަތެއްކަން ހާމަވެއްޖެއެވެ.
ޖޭއެސްސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ސުޕްރީމް ކޯޓުގައި ފަނޑިޔާރުންތަކެއް ބައިވެރިވި ފަރީއްކޮޅަކީ ފަނޑިޔާރު މަހާޒްގެ އަމިއްލަ ޚަރަދުގައި ދެއްވި ފަރީއްކޮޅެއްކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް މިއަދު ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުމާއެކު މީގެކުރިން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލަން ނިންމައިފައެވެ.
އެ މައްސަލަ ހުށަހެޅުމާއެކު މަހާޒު ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އެއްވެސް ކަމެއް އޭނާ ކުރައްވާފައިނުވާނެ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒެވެ.