ޖުލައި 23 (ރޮއިޓާސް) - ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯކްގެ އެއް ޕްލެޓްފޯމް ކަމުގައިވާ ޓްވިޓާގެ ލޯގޯ ބަދަލުކުރަން އީލޮން މަސްކް ނިންމަވައިފިއެވެ.
ޓްވިޓާގެ ލޯގޯއަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކަމަށް އެލޮން މަސްކް އާދީއްތަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވާއިރު، އޭނާ ބުނީ ވަރަށް އަވަހަށް ޓްވިޓާ ބްރޭންޑް ބަދަލުކޮށް މަޑުމަޑުން ހުރިހާ ދޫންޏަކަށް އަލްވަދާއު ކިޔާނެ ކަމަށެވެ.
މިދިޔަ އޮކްޓޫބަރު މަހު ޓްވިޓާ ގަތް ފަހުން މަސްކްގެ ހަލަބޮލި ވެރިކަމުގައި އެ ކުންފުނީގެ ވިޔަފާރީގެ ނަން އެކްސް ކޯޕަށް ބަދަލުކޮށްފައިވާއިރު، ޗައިނާގެ ވީޗެޓް ފަދަ "ސުޕަ އެޕްލިކޭޝަނެއް" އުފެއްދުމުގެ ވިސްނުން މަސްކް ގެންގުޅޭ ބައެއް ފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން ޓްވިޓާގެ ވެބްސައިޓްގައި ބުނެފައި ވަނީ ނޫ ދޫންޏެއް ދައްކުވައިދޭ އެ ކުންފުނީގެ ލޯގޯއަކީ އެ ކުންފުނީގެ އެންމެ ފާހަގަކުރެވޭ އެސެޓް ކަމަށެވެ. އެހެންވީމާ، އެކަމަށް ވަރަށް ބޮޑަށް ރައްކާތެރިވާކަމަށް އެ ބަޔާނުގައި ވެއެވެ.
މަސްކް ޓްވިޓާ އަމިއްލަ ކުރެއްވި ފަހުން އެ ކުންފުންޏަށް ޢާއްމު ޔޫޒަރުންނާއި، މާކެޓިން ޕްރޮފެޝަނަލުންގެ ފާޑުކިޔުންތައް އަމާޒުވީ ޓްވިޓާއިން ދުވާލަކު ކިޔޭނެ ޓްވީޓްގެ އަދަދު ކަނޑައަޅައި ޓްވިޓާއިން ލިމިޓް ކުރާނެކަން މަސްކް މި މަހުގެ ކުރީކޮޅު އިއުލާން ކުރުމާ ގުޅިގެންނެވެ.
ޓްވިޓާއަށް މަސްކު ގެނައި އެފަދަ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން މެޓާގެ އަމިއްލަ އަދި އާ އުފެއްދުން ތްރެޑްސްއަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. ލޯންޗްކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަން ސައިންއަޕް ފަހަނައަޅައި ވަނީ ގޮސްފައެވެ.
ޓްވިޓާއާ ވާދައަށް އުފެއްދި މެޓާގެ ތްރެޑްސްއަށް މިހާ އަވަސް މުއްދަތަދެއްގެ ތެރޭގައި އެފަދަ ބޮޑު ކުރިއެރުމެއް ލިބުނީ ޓްވިޓާގެ ފީޗާސްއަށް ގެންނަމުންދާ ބަދަލުތަކާއި ޔޫޒަރުންގެ އަތުން ފައިސާ ނެގުން ފަދަ ކަންކަމުގެ ސަބަބުން، އެފަދަ އެހެން ޕްލެޓްފޯމަކަށް މި ދުވަސްވަރު ގިނަބަޔަކު ވަރަށް ބޮޑަށް ބޭނުންވެފައި ވަނިކޮށް އެފަދަ ޕްލެޓްފޯމެއް އުފެއްދުމުންނެވެ.