އެއީ، 1962 ވަނަ އަހަރެވެ. ބަދުރުއްނަސީރާއި އެކުވެރިން ތިބީ ގޭގައި ހުންނަ ބެޑްމިންޓަން ކޯޓުގައި ކުޅުމަށެވެ. ކުއްލިއަކަށް ގޭ ކައިރި ހުންނަ ހޮޓަލެއްގެ ރޭޑިއޯއިން ގޮވަންފެށީ "މާލެ ރޭޑިއޯ"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭޑިއޯ ސްޓޭޝަނެއް ހުޅުވާ ވާހަކައެވެ. އޭރު ކިޔަވާ ކުދިން ހޮޓާތަކަށް ދިއުމަކީ މަނާކަމެއް ނަމަވެސް އެ އަޑުއިވުމުން ބަދުރުއާއި އެކުވެރިން އެ ހޮޓާ ދޮށަށް އެއްވިއެވެ. ބެރިދުންމާރި ތާޅަފިލީގެ އަޑާ އެކު އެ ރޭޑިއޯ ސްޓޭޝަން ފައްޓަވައި އެއް މިނެޓާއި 20 ސިކުންތު ވަންދެން ޓްރާންމިޝަން ކުރިއަށް ގެންގޮސް އެ ދުވަހަށް ހުއްޓާލިއެވެ. ހޮޓާ ދޮށުގައި އެ އަޑުއަހަން ހުންނެވި ބަދުރަށް އެކަން ވީ ވަރަށް ޝައުގުވެރި ކަމަކަށެވެ.
އޭރު ކުޑަކުއްޖެއްގެ އުމުރުގެ ބަދުރުގެ ހިތުގައި ރޭޑިއޯއަށް އުފެދުނު ޝައުގު ބޮޑުކަމުން އެ ދާއިރާއިން ކުރިއަށް ދާން ބޭނުންފުޅުވިއެވެ. އެގޮތުން އެކި ގޮތްގޮތުން ރޭޑިއޯއިން ވަޒީފާއެއް ލިބޭތޯ މަސައްކަތް ފެއްޓެވިއެވެ. އެކަން ކާމިޔާބުވީ މައިޒާން އަޙްމަދު މަނިކު ދެއްވި ފުރުސަތެއްގައެވެ. ބަދުރު ރޭޑިއޯގެ ޚިދުމަތާ ގުޅިވަޑައިގަތީ 1967 ވަނަ އަހަރުއެވެ.
"އަޅުގަނޑު ފުރަތަމަ ވެއްދީ މިކްސަރު އޮޕަރޭޓަރަކަށް. އެއީ ލަވަ ޖެހުމާއި އަޑު މިކްސް ކުރުމާ އެކަހަލަ ޓެކްނިކަލް ދާއިރާއެއް. ފުރަތަމަ ވަތް ދުވަހު ވެސް އަޅުގަނޑު އެކަންތަކަށް ވަރަށް ޝައުގުވެރިވި. އަޅުގަނޑަކީ ލަވަ އަޑުއަހާ މީހެއް ވަރަށް ގިނައިން. އެ ވަޒީފާއާ އެކު ލަވަ އަޑު އެހޭނެ ގޮތް އޮތީ ތަނަވަސްވެފައި،" މީގެ 56 އަހަރު ކުރީގެ ހަނދާންތައް އާ ކުރައްވަމުން ބަދުރު ވިދާޅުވިއެވެ.
އޭރު ރޭޑިއޯ ހިންގަމުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. ވަސީލަތްތައް ވަރަށް މަދެވެ. އަޑު އިވެނީ ވެސް މާލެއަށް އެކަންޏެވެ. މުޅިންހެން ފޮނުވަމުން އައީ ރާއްޖޭން ބޭރުގެ ޕްރޮގްރާމްތަކެވެ. ދިވެހީންގެ އަމިއްލަ އުފެއްދުންތަކެއް ނެތެވެ. ސްޓޭޝަނުން މައިގަނޑުކޮށް ކުރާ މަސައްކަތަކީ ޚަބަރު ކިޔުމާއި ލަވަ ޖެހުން އެކަންޏެވެ.
ރޭޑިއޯއިން ލަވަ ފޮނުވަމުން ދާއިރު ދެ ލަވަ ދޭތެރެއިން ލިބޭ ހުސް ވަގުތުގައި ބަދުރު އާއްމުކޮށް ކުރައްވާ ކަމަކީ ވާހަކަ ލިޔުއްވުމެވެ. އެކަން އޮތީ އޮފީހުގެ ވެރިންނަށް ވެސް ފާހަގަވެފައެވެ.
އެހެންވެ، އެއް ދުވަހަކު އޮފީހުގެ ވެރިއަކު ވިދާޅުވީ އޭރު ރާއްޖޭގެ ބޮޑު ވަޒީރު އިބްރާހީމް ނާސިރު ނިންމަވައިގެން ބަދުރު ސިންގަޕޫރަށް ސްކޮލާޝިޕެއްގައި ފޮނުވަން ހަމަޖެހިއްޖެ ކަމަށެވެ. އެ ފުރުސަތާ އެކު ބަދުރު ވެގެންދިޔައީ ރޭޑިއޯގެ ދާއިރާއިން ތައުލީމާއި ތަމްރީން ހޯއްދެއްވުމަށް ރާއްޖޭން ބޭރަށް ފުރަތަމަ ވަޑައިގެންނެވި ދިވެއްސަށެވެ. އެއީ، ބަދުރު މިހާރު ވެސް ވަރަށް ފަހުރުވެރިވާ ކަމެކެވެ.
ސިންގަޕޫރަށް 1971 ވަނަ އަހަރު ކުރެއްވި ދަތުރުވެގެން ދިޔައީ ރޭޑިއޯގެ ދާއިރާއަށް ބަދުރު ލޯ ހުޅުވިގެން ދިޔަ ކަމަކަށެވެ. އެ ގައުމުގެ ރޭޑިއޯ ސްޓޭޝަންގައި، މަޝްހޫރު އަދި ތަޖުރިބާކާރު އެނައުންސަރުންނާ އެކު މަސައްކަތް ކުރެއްވުމުގެ ފުރުސަރު އޭރު ޒުވާން އުމުރުގެ ބަދުރަށް ލިބިވަޑައިގެންނެވިއެވެ. އެ މީހުން ޕްރޮގްރާމްތައް ހަދައި އިންޓަވިއޫތައް ކުރާއިރު ބަދުރު އެ މީހުންގެ ކައިރީގައި ހުރެއެވެ. އެގޮތަށް އެތައް ކަމެއް ދަސްކުރައްވަން ހަ މަސް ދުވަހު އެ ގައުމުގައި އުޅުއްވިއެވެ.
ސިންގަޕޫރުން ތަމްރީން ހޯއްދެއްވުމަށް ފަހު ބަދުރު މާލެ ވަޑައިގަތުމާ އެކު މާލެ ރޭޑިއޯގެ ޕްރޮގްރާމްސް ޑިޕާޓްމަންޓް އޭނާއާ ސަރުކާރުން ހަވާލު ކުރެއްވިއެވެ. އެހާ ހިސާބުން އެކިއެކި ޕްރޮގްރާމްތައް އަމިއްލައަށް އުފެއްދުމުގެ މަސައްކަތް އޭނާ ފެއްޓެވިއެވެ.
ފުރަތަމަ ހެއްދެވީ ސަގާފީ ކުޅިވަރުތަކާ ގުޅޭ ޕްރޮގްރާމްތަކެވެ. ފަހުން އެތައް ޕްރޮގްރާމެއް އުފެއްދެވިއެވެ. އަދި، ޕްރޮގްރާމްތައް ހުށަހަޅުއްވަން ވެސް ފެއްޓެވިއެވެ. ބަރުދާއި ސަމަރުބުލޫ އިބްރާހީމް މަނިކު (ސަމަރޭ) ކޮންމެ ދުވަހެއްގެ ހެނދުނު ގެނެސް ދޭ "ބާއްޖަވެރި ދުވަހެއް" ޕްރޮގްރާމަކީ މުޅި ރާއްޖެއަށް މަޝްހޫރު ޕްރޮގްރާމެކެވެ. ފަހުން މުޅި ރާއްޖެއަށް ރޭޑިއޯގެ ސިގްނަލް ލިބި އެހުންތެރީންގެ ތަރުޙީބު ވަރަށް ބޮޑުވިއެވެ. އެއީ، ރޭޑިއޯގެ ރަން ޒަމާނެވެ. އޭރު ގިނަ ދިވެހީންގެ މުނިފޫހިފިލުވުމުގެ ބައިވެރިއަކަށް ދިވެހިރާއްޖޭގެ އަޑު ވެގެންދިޔައެވެ.
"ރާއްޖެތެރޭ ރަށްރަށުގައި އޭރު އަޅުގަނޑުމެން ނުކުމެގެން ހިނގާލާފައިދާއިރު އެއްގެއިން ރޭޑިއޯގެ އަޑު ކެނޑޭއިރަށް އަނެއް ގެއިން އަޑު އިވޭނެ. އެހެން އިވެމުން ދާނީ. ރޭޑިއޯ އެހާ މަޝްހޫރު ވެފައި އޮތީ އޭރު." ރޭޑިއޯގެ ރަން ޒަމާނުގެ ހަނދާންތައް އާ ކުރައްވަމުން ބަދުރު ވިދާޅުވިއެވެ.
ނަމަވެސް އެ ހާލަތު މިހާރު ބަދަލުވެއްޖެއެވެ. މި ޒަމާނީ ދުވަސްވަރު މުޅި ރާއްޖެއަށް ރޭޑިއޯގެ ސިގްނަލެއް މިހާރަކު ނުލިބެއެވެ. އަދި، ކުރިއާ އެއް ވަރަށް ރޭޑިއޯ އަޑުއަހާ މީހުންނެއް ވެސް މިހާރަކު ނެތެވެ.
ބަދުރު ގަބޫލު ކުރައްވާގޮތުގައި މިހާލަތަށް ދިއުމުގެ ފެށުމަކީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ޕަބްލިކް ސާވިސް މީޑިއާއަށް ގެންނެވި ބަދަލުތަކެވެ. އޭގެ ކުރިން ވެރިކަން ކުރެއްވި އިބްރާހީމް ނާސިރާއި ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ސަރުކާރުތަކުން ރޭޑިއޯ ކުރިއަރުވަން އެތައް މަސައްކަތެއް ކުރެއްވިކަން ބަދުރު ފާހަގަ ކުރެއްވިއެވެ.
އާދައިގެ މަގާމަކުން ރޭޑިއޯގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ބަދުރު ވަނީ އެ ދާއިރާއަށް 40 އަހަރު ޚިދުމަތް ކުރައްވާފައެވެ. ފަހަރަކު މަގާމެއްގެ ކުރިއެރުން ލިބެމުންގޮސް ރިޓަޔާ ކުރެއްވިއިރު ރޭޑިއޯގެ ޑިރެކްޓާ ޖެނެރަލްކަން ކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގެ ރޭޑިއޯގެ ދިގު ތާރީޚުގެ ކަންކަން އެންމެ ކައިރިން ފެނިވަޑައިގެންނެވި އެއް ބޭފުޅަކީ ބަދުރެވެ. ބަދުރު މި ވަނީ އެ ތަޖުރިބާތަކުގެ އަލީގައި އަގުހުރި ހަދިޔާއެއް ދެއްވައިފައެވެ. އެއީ، 1962 އިން 2011 އާ ހަމައަށް ރޭޑިއޯގެ ތާރީޙު ލިޔުއްވައި ފޮތެއް ނެރުއްވުމެވެ. "ދިވެހިރާއްޖޭގެ ރޭޑިއޯގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" މި ނަމުގައި ބަދުރު މި ފަހުން ނެރުއްވި 256 ސޮފްހާގެ ފޮތުގައި ރޭޑިއޯގެ ތާރީޚު ވަރަށް ތަފުސީލުކޮށް ވަނީ ލިޔުއްވާފައެވެ. ގިނަ ގުނަ މައުލޫމާތާއި ފޮޓޯތައް ހިމަނައިގެންނެވެ. ބަދުރު މިހާރު ގެންދަވަނީ އެ ފޮތް އެކި ބޭފުޅުންނަށް ހަދިޔާ ކުރައްވަމުންނެވެ.
ގެ ކައިރި ހޮޓަލުން އިވުނު ރޭޑިއޯގެ އަޑުން އެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ބަދުރަކީ ރާއްޖޭގެ ރޭޑިއޯ ޚިދުމަތަށް އަގުނުކުރެވޭ ފަދަ އެތައް ކަމެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރޭޑިއޯގެ ރަން ޒަމާން ގެނައުމަށާއި އެ ޚިދުމަތް ފުޅާ ކުރެއްވުމަށް ބަދުރުގެ ހިއްސާ ވަރަށް ބޮޑެވެ. މި ފޮތުން ބަދުރު ކިޔައިދެއްވަނީ އެ މާޒީއެވެ.