ފުލުހަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --

ދިވެހި ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޓްވިޓާ މެދުވެރިކުރައްވާ، އިމްރާން މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނަށް އެއްވި ވަގުތު، އެތަން ކަވަރު ކުރަން އުޅުނު ނޫސްވެރިން ތަކަކަށް އެސްއޯ ފުލުހެއްގެ ފަރާތުން އަނިޔާވި މައްސަލަ އާ ގުޅުވައިގެން އެ މުއައްސަސާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެދުވަހުގެ އެއްވުމުގެ ތެރެއިން އަނިޔާވެފައި ވަނީ އެތަން ކަވަރު ކުރަން އެވަގުތު ހަރަކާތްތެރިވަމުން އައި ސަންގު ޓީވީގެ ނޫސްވެރިޔާ މާހަތު ހުސައިން ރަޝީދު އާއި ޗެނަލް 13، ގެ ނޫސްވެރިޔާ މިސްބާހު އަށެވެ.

ފުލުސް އޮފިސަރުންގެ އިތުރުން ސިފައިގެ މީހަކަށް ގޯސްކޮށް ކަމެއް ކުރެވުނަސް އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތްތައް ބަލައި ނުގަނެވޭނެ ކަމަށެވެ.

"ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވެފައިވެއެވެ.

އެ ފުލުސް މީހާ، މަގާމުގެ މައްސޫލިއްޔަތުން އެކަހެރިކޮށް، އެމައްސަލަ ބަލަމުން އަންނަ ކަމަށް ވަނީ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވިއެވެ.

comment ކޮމެންޓް