ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފްލެޓުތަކަށް ވިއްސާރައިގެ ސަބަބުން ދިމާވި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އެމްއޭސީއެލްގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ ތަނުގައި ދިރިއުޅޭ ގިނަ މީހުންގެ ޝަކުވާ އަކީ ވިއްސާރައިގެ ސަބަބުން ބެލްނަކީތަކުގެ ދޮރުން ފްލެޓްތަކުގެ އެތެރެއަށް ފެން ވަނުމާއި ބެލްނަކީތަކުގެ ޑްރެއިން އިން ފެން ނުހިނދި ފެން ބޮޑުވާ މައްސަލައެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަތައް ކުރިމަތި ވަނީ މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން ކަމަށެވެ. އެގޮތުން ވިއްސާރަ މޫސުމުގައި އެފަދަ މައްސަލަތައް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބުމާ އެކު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ފްލެޓުތައް / ފޮޓޯ: ޓްވިޓާ
"ކޮންޓްރެކްޓަރާ ގުޅިގެން އަޅުގަނޑުމެން އެ ފްލެޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދޭ އެބަ. މައިގަނޑު ގޮތެއްގައި މި ދިމާވަނީ ފެން ވަންނަ މައްސަލަ، އެއީ ދެން ވިއްސާރައިގެ ސަބަބުން،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ފްލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ސާދަ ބުރީގެ މި ދެ ޓަވަރުގައި ޖުމްލަ 384 އެޕާޓްމަންޓް ހުރެއެވެ. އެއީ، އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 240 އެޕާޓްމަންޓެވެ.